ރައްޔިތުން އެދޭ ތަރައްޤީ ގެނެސްދިނުމަކީ ސަރުކާރުތަކުން ކޮށްދޭންޖެހޭނެ ކަމެއް ކަމަށާއި، އަދުގެ ސަރުކާރުގެ ސިޔާސަތު ބައްޓަންކުރައްވާފައި ވަނީ އެ ތަރައްޤީ ގެނެސްދިނުމާއެކު ޤައުމުގައި ހަމަޖެހުން އޭގެ ފުރިހަމަ މާނައިގައި ޤާއިމުވެފައި އޮތުމުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މިދިޔަ 14 މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ހަމަޖެހުން ޤާއިމުކުރެވިފައިވާ ކަމަށާއި، ބަދަލުހިފުމުގެ ރޫޙުގައި އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ބަޔަކަށް ސިޔާސީ އަނިޔާއެއް ނުދެއްވާނެ ކަމަށާއި، ބަދަލު ހިއްޕެވުމެއްވެސް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ރައްޔިތުންނަށްޓަކައި ތަރައްޤީ ގެނެސްދޭ ކަމުގައި ވާ ނަމަ، އެކަމުގެ ފުރިހަމަ ނަފާ، އެ ރައްޔިތުންނަށް ލިބެން އޮތީ ޤައުމުގައި ހަމަޖެހުން އޮވެގެން,“ ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ޤައުމުގައި ހަމަޖެހުން ޤާއިމުކޮށް، ޤައުމު ކުރިއަށް ގެންދިއުމުގައި ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ވަށާޖެހޭ ތަރައްޤީއެއް ޙާޞިލުވާން އޮތީ ޢުމްރާނީ ތަރައްޤީއާއެކު ވިސްނުމާއި، އަޚުލާޤާއި، މުޖުތަމަޢުގެ އުޅުމާއި ގުޅުންތައް ހެޔޮ މަގުން ތަރައްޤީވެގެން ކަމަށެވެ. އަދި މި ރާސްތާއިން ކުރިއަށް ދާ އިރު ޤައުމުގައި ހަމަޖެހުން އޮންނަން ޖެހޭ ކަމުގައި ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ ދިވެހި ޤައުމަކީ ކޮންމެ ދުވަހަކުވެސް މިނިވަންކަމުގެ އުފާ އިޙްސާސް ކުރުވާ، މިނިވަން ކަމުގައި ދެމި އޮތް ޤައުމަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ދިވެހި ޤައުމަށް ހެޔޮ އެދޭ، ދިވެހި މިނިވަންކަމާއި ސިޔާދަތަށް އިޚްތިރާމް ކުރާ އެއްވެސް ޤައުމަކާ މެދު ރުޅިވެރިކަމެއް ނުބާއްވަވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.