ގައުމީ އެއާލައިން މޯލްޑިވިއަންގެ އައު ވައިޑްބޮޑީ މަތިންދާބޯޓުގެ ފުރަތަމަ ޝެޑިއުލް ދަތުރު މިމަހުގެ 22 ވަނަ ދުވަހު ޗައިނާގެ ޗެންޑޫއަށް ކުރާނެކަން އެ އެއާލައިން އިން ހާމަކޮށްފި އެވެ.
މި މަޢުލޫމާތު ހާމަކުރައްވަމުން މޯލްޑިވިއަންގެ އިސްވެރިއެއް ވިދާޅުވީ މިހާރު މި ދަތުރުތަކުގެ ޓިކެޓު ވިއްކުމަށް ތައްޔާރުވެފައިވާ ކަމަށެވެ. ނަމަވެސް އަދި މޯލްޑިވިއަންގެ ވެބްސައިޓް އިން ޓިކެޓު ވިއްކަން ހުޅުވާލާފަ އެއް ނުވެ އެވެ.
މިދިޔަ ހޯމަ ދުވަހު ރާއްޖެއަށް ގެނެވުނު މި އައު ބޯޓަކީ އެއްފަހަރާ 260 މީހުންނަށް ދަތުރުކުރެވޭނެ ބޯޓެކެވެ. މި ބޯޓުގައި ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސްގެ ގޮނޑިތައް ހުންނައިރު، 10 ޓަނުގެ ކާގޯ އުފުލުމުގެ ޤާބިލުކަން ލިބިގެންވެއެވެ.
މޯލްޑިވިއަންއިން މަޢުލޫމާތު ދެއްވިގޮތުގައި މި ބޯޓު ޗެންޑޫގެ އިތުރުން ޗައިނާގެ ބެއިޖިންގ އަދި ޝެންހާއީއަށްވެސް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސިޓީތަކަކީ ޗައިނާއިން އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެއަށް ދަތުރުކުރާ ސިޓީތައްކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއްވިއެވެ.
ގައުމީ އެއާލައިންއަކީ ސީޕްލޭން، ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެއާލައިން ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ. މިވަގުތު އިންޓަނޭޝަނަލް ދަތުރުތަކުގައި އެ ކުންފުނިން ދަނީ އިންޑިއާގެ މަންޒިލްތަކަށް ދަތުރުކުރަމުންނެވެ. ނަމަވެސް މި އައު ބޯޓާއެކު ޗައިނާގެ މަންޒިލްތަކަށްވެސް ދަތުރުކުރަން ފެށުމަކީ ގައުމީ އެއާލައިންގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ.