ސަރުކާރުން އެގްރޯނެޓް ކުންފުނި އުވާނުލައި ފުޅާކުރަން ނިންމާފައިވާ ކަމަށާއި، ދަނޑުވެރިކަމަކީ ރާއްޖޭގައި ވަރަށް ރަނގަޅަށް ހިންގޭ ސިނާޢަތަކަށް ހެދުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ގއ. ނިލަންދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ ސިނާޢަތުގެ ހިންގުން ހަރުދަނާކުރުން ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި އުފެއްދުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށައި، އިންވެސްޓަރުން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ދަނޑުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ބަލާއިރު ވަރަށް ބޮޑަށް ސަމާލުކަން ދެވޭ ދާއިރާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ނިލަންދޫގެ ދަނޑުވެރިންނާއި، ޖުމުލަކޮށް ރާއްޖޭގެ ދަނޑުވެރިންނަށް ދަނޑުވެރި އުފެއްދުންތަކުން ނަފާ ހޯދޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މީގެ އިތުރުން، ރައީސް ވަނީ ނިލަންދޫގެ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމާއި، ބަނދަރުގެ މައްސަލަ ޙައްލުކުރުމާއި، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމާއި، ފެނާއި ނަރުދަމާގެ މަޝްރޫޢު ނިންމުމާއި، ނިލަންދޫ ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއް ތަރައްޤީކުރުން ފަދަ ކަންކަމަށް އިސްކަންދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސް ވިދާޅުވީ، ރަށުގެ ތަރައްޤީއަށް ކުރަން ހުރި ކަންތައްތަކަށް ސަމާލުކަން ދެއްވައިގެން ރައްޔިތުންގެ އުންމީދުތަކުގައި ޙަޤީޤީ ކުލަ ޖައްސަވައިދެއްވާނެ ކަމަށެވެ.