ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މެންދުރުފަހު ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލާ ބައްދަލުކުރައްވައި، ރައްޔިތުންގެ ބޭނުންތަކާއި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.
މި ބައްދަލުވުން ބޭއްވުނީ ގއ. ކަނޑުހުޅުދޫ ކައުންސިލް އިދާރާގަ އެވެ.
ބައްދަލުވުމުގައި ކައުންސިލުން ރަށުގެ އެކި ދާއިރާތަކުގައި ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެސްދެއްވި އެވެ. މިގޮތުން، ބަނދަރުގެ ދަތިކަމާއި، މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ނުނިމި ލަސްވަމުންދާ މައްސަލަ ފާހަގަކުރެއްވި އެވެ. އަދި ފުޓުބޯޅަދަނޑު މަރާމާތުކޮށްދިނުމަށް އެދިވަޑައިގަތެވެ. މީގެއިތުރުން، ޞިއްޙީ މަރުކަޒުގެ ރޭމްޕްގެ މައްސަލައާއި ރަށުގެ ކަރަންޓުގެ މައްސަލަވެސް ކައުންސިލުން ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަމަށް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއެކު ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ވަޒީރުން ވަނީ ކަނޑުހުޅުދޫގެ ތަރައްޤީއަށް މިހާރު ކުރިޔަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާކުރައްވާފައެވެ.