މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލުމާ ގުޅިގެން އެ މިނިސްޓްރީގައި މަސައްކަތް ކުރަމުން އައި ބައެއް މުވައްޒަފުން ދޫކޮށްލަން ޖެހިދާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން މުވައްޒަފުންނަށް އަންގައިފި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 26 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހައުސިން މިނިސްޓްރީ އުވާލައި، އެ މިނިސި، އެ މިނިސްޓްރީގެ މަސައްކަތްތައް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް ބަދަލުކޮށްފައެވެ. މި ބަދަލާ ގުޅިގެން ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރަމުން އައި މުވައްޒަފުން މިހާރު ތިބީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށުގައެވެ.
ސިވިލް ސާވިސް ކޮމިޝަނުން މުވައްޒަފުންނަށް ފޮނުވި މެއިލްގައި ބުނެފައިވަނީ، ހައުސިން މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއިން ފިނޭންސް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ބަދަލުކޮށްފައިވާ މަސައްކަތްތައް ކުރާނެ މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ. އަދި މި މިނިސްޓްރީތަކުގެ އިދާރީ އޮނިގަނޑު މުރާޖައާ ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
ކޮމިޝަނުން އިތުރަށް ބުނެފައިވަނީ، ބަދަލުކުރެވޭ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީތަކަށް ދާއިމީ ވަޒީފާ ހަމަޖެއްސޭނީ އިދާރީ އޮނިގަނޑު ރިވިއުކުރުމަށް ފަހު އެ އޮނިގަނޑުގައިވާ މަގާމުތަކުގެ އަދަދުން ކަމަށެވެ. މަގާމަށް ވުރެ މުވައްޒަފުންގެ އަދަދު އިތުރުވާ ނަމަ، ވަޒީފާ ހަމަޖައްސާނެ ފަރާތް ކަނޑައަޅާނީ ދިވެހި ސިވިލް ސާވިސް ގަވައިދުގެ 225 ވަނަ މާއްދާގެ (ނ) ގެ ދަށުން މެރިޓް އުސޫލުން ކަމަށްވެސް ބުނެފައިވެ އެވެ.
ހައުސިން މިނިސްޓްރީގެ ކޯޕަރޭޓް ޑިޕާޓްމަންޓްގެ މަސައްކަތަކީ ވަކި މިނިސްޓްރީއަކަށް ބަދަލުކުރެވިފައިވާ މަސައްކަތްތަކަށް ނުވާތީ، އެ ޑިޕާޓްމަންޓުގައި ތިބި މުވައްޒަފުން ބަދަލުނުކުރެވޭނެ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ. ނަމަވެސް، މި މުވައްޒަފުންނަށް އެކަށޭނެ އެހެން ވަޒީފާއެއް ހޯދައި ދިނުމުގެ މަސައްކަތް މިނިސްޓްރީތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށާއި، އެފަދަ ފުރުސަތެއް ހޯދައި ނުދެވިއްޖެ ނަމަ ވަޒީފާއިން އެމީހުން ދޫކޮށްލާނެ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެ އެވެ.
ހައުސިން މިނިސްޓްރީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އޮފް ފިނޭންސް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)