ގދ. ރަތަފަންދޫގެ ބަނދަރު ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް، ސިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ހުވަދު އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރަތަފަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތަކީ ކުޑަރަށެއް ބޮޑު ރަށެއް ބެލުމެއްނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ދިނުންކަމަށެވެ. އަދި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ބޭނުމަކީ ރައްޔިތުން ބޭނުންވާ ކަންކަން ގާތުން އޮޅުންފިލުވައި އަމަލީގޮތުން އެކަންކަމަށް ހައްލު ގެނައުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަތަފަންދޫގެ ބަނދަރު ތަރައްގީ ކުރުމަކީ ރައްޔިތުން އެދޭ ކަމެއް ކަމަށާއި، މިއަހަރު ކުރިއަށްގެންދާ ބަނދަރު މަޝްރޫޢުތަކުގެ ތެރެއިން ރަތަފަންދޫގެ ބަނދަރުވެސް ތަރައްގީ ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ސިއްޙީ ދާއިރާއިން ރަތަފަންދޫއަކީ ފާހަގަކޮށްލެވޭ ރަށެއްކަން ފާހަގަކުރައްވައި، އެރަށުގައި މިހާރު ހުރި ސިއްޙީ މަރުކަޒަކީ ޖާގައިގެ ގޮތުންނާއި ޚިދުމަތުގެ ގޮތުން ފެންވަރު ރަނގަޅު ތަނަކަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ބަޖެޓުގެ ތެރެއިން އެންމެ އިސްކަމެއް ދޭ ކަންކަމުގެ ތެރޭގައި ސިއްޙީ ދާއިރާއާއި ތައުލީމީ ދާއިރާ ހިމެނޭ. މި ރަށުގެ ސިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، ސިއްޙީ މަރުކަޒު، އިމާރާތާއި ވަސީލްތަތަކުގެ ގޮތުން، މުވައްޒަފުންގެ ގޮތުން، ހުރިހާ ގޮތަކުންވެސް މި ރަށަށް ބޭނުންވާ ފެންވަރުގެ ސިއްޙީ މަރުކަޒަކަށް އެ މަރުކަޒު އަޅުގަނޑުމެން ހަދައިދޭނަން.
މީގެއިތުރުން، ރަތަފަންދޫގެ ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށާއި، ފެންވަރު ރަނގަޅު ވޮލީ ކޯޓަކާއި އިންޑޯ ޖިމެއްގެ އިތުރުން ޒުވާނުންގެ މަރުކަޒެއް ހައްދަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ރަށުގައި ނުނިމި ހުރި ފެނާއި ނަރުދަމާގެ މަސައްކަތާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.