ގދ. ރަތަފަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ވަރަށް އަވަހަށް ނިންމައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ހުވަދު އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރަތަފަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ކުރީގެ ސަރުކާރުން މި މަޝްރޫޢު ހަވާލުކޮށްފައިވާ ކުންފުންޏަށް ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފައިވާ ކަމަށާއި، މިހާރު ސަރުކާރުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް މި މަޝްރޫޢުއަށް ފައިސާ ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތް ރަނގަޅަށް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވި އެވެ.
މިރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ވެސް އަލުން ހަމަ ވަރަށް އަވަހަށް ފަށައި ގޮސް ނިންމައިދޭނަން. އަދި އެކަން ކުރަމުންދާ އިރުގައި ދެންމެ ކައުންސިލް ރައީސް ފާހަގަކުރި ގޮތަށް އެކްސްޓެންޑް ކުރަންޖެހޭ ސަރަޙައްދަށް ވެސް އެކަން ފުރިހަމަވެގެންދާ ގޮތަށް އަޅުގަނޑުމެން ކޮށްދޭނަން.
މީގެއިތުރުން، ރައީސް މުޢިއްޒު ވިދާޅުވީ މި އަހަރުގެ ބަޖެޓުގެ ތެރެއިން ވީހާވެސް ގިނަ ވަޢުދުތަކަށް ޢަމަލީ ސިފަ ގެނެސްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިއަންނަ އަހަރު ނުފެށޭ ހުރި މަޝްރޫޢުތައް ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ.
2025، 2026، އަދި ކޮންމެވެސް ވަރަކަށް 2027 އެކީގައި މި ތިން އަހަރު ވެގެންދާނީ އަޅުގަނޑު ކެމްޕެއިންގެ ތެރޭގައި ރަށްރަށަށް ގޮސް ވެފައި ހުރި ވަޢުދުތަކާއި މެނިފެސްޓޯގައި ލިޔެފައި ހުރި ވަޢުދުތަކަށް ޢަމަލީ ސިފަ ގެނެސްދިނުމަށް މަސައްކަތް ކުރާ އަހަރުތަކަށް.
މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރު ފެށްޓެވި ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު ހުވަދުއަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށާއި، ހުވަދުއަތޮޅު އުތުރުބުރީގެ ހަތަރު ރަށަކަށް ވަޑައިގަންނަވާނެއެވެ.
ހުވަދުއަތޮޅު ދެކުނުބުރިން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނީ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ، ފިޔޯރީ އަދި ރަތަފަންދޫއަށެވެ. އަދި ހުވަދުއަތޮޅު އުތުރުބުރީން ވަޑައިގަންނަވާނީ ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫއަށެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގަންނަވާނީ މިއަންނަ ބުރާސްފަތި ދުވަހުއެވެ.