ދަރިވަރުންތަކެއް ގްރޫމްކުރި ޓީޗަރު ބަންދު ކުރަން ހައިކޯޓުން އަމުރުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްކޫލް ދަރިވަރުންތަކެއް ގްރޫމްކުރި ޓީޗަރު ބަންދުން ދޫކުރީ ގޯހުން ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ރާއްޖޭގެ ސްކޫލުގައި ކިޔަވަމުންދިޔާ 18 އަހަރުން ދަށުގެ ފިރިހެން ކުދިންތަކަކާމެދު ޖިންސީ އަމަލު ހިންގިކަމަށް ތުހުމަތުކޮށް އަދި މީގެތެރެއިން ގިނަ ކުދިންތަކެއް ގްރޫމްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ ސުކޫލުގައި ކިޔަވައިދެމުންދިޔަ ޕްރައިމަރީ ޓީޗަރެކެވެ. މި ޓީޗަރުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން އޭނާ ހައްޔަރު ކުރުމުގެ އަމުރެއް 27 އޮކްޓޫބަރު 2024 ގައި އެ ރަށު މެޖިސްޓްރޭޓް ކޯޓުން ނެރެފައިވެ އެވެ. އަދި އެ އަމުރުގެ ދަށުން ޓީޗަރު ހައްޔަރު ކޮށް 20 ދުވަހަށް ބަންދުކޮށްފައިވެ އެވެ. އަދި އޭގެފަހުން 17 ނޮވެމްބަރުގައި 30 ދުވަހަށް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވެ އެވެ. އޭގެފަހުން 17 ޑިސެމްބަރުގައި އޭނާގެ ބަންދު މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށްފަހު ވަނީ ބަންދުން ދޫކޮށްލާފަ އެވެ.

މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރު ބަންދުން ދޫކޮށްލިއިރު އޭނާގެ މައްޗަށް ކުރާ ދައުވާތައް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފަ އެވެ.

މި މައްސަލަ ޕީޖީން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގައި ބަލާފައި އޮތީ މިފަދަ މީހުންނަކީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި ކުރިން މިބާވަތުގެ ކުށެއް ސާބިތުވެ ރެކޯޑް ކުރެވިފައި ނެތުމަކީ ނުވަތަ ކުރިން މިބާވަތުގެ މައްސަލައަކަށް ތުހުމަތުވެ ރެކޯޑެއް ކުރެވިފައި ނެތުމަކީ، މިހާރު ތުހުމަތު ކުރެވިފައިވާ ކުށުގެ ނުރައްކާތެރިކަމުން އެހެން ކުޑަކުދިން ސަލާމަތްކޮށްދޭނެ ކަމެއް ނޫން ކަމަށެވެ.

މީގެއިތުރުން މީނާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މެޖިސްޓްރޭޓް ކޯޓުގެ މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ރިއާޔަތް ކުރިގޮތެއް ސާފު ނުވާކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ހުށަހެޅި ލިޔުންތަކުގެ މައްޗަށް ސަބަބުވެރި އިންސާނަކު ބަލައިފިނަމަ، މީނާގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރީ ކުޑަކުދިންނަށް ރައްކާތެރި ގޮތަކަށް ނޫން ކަމަށް ބުރަވާނެ ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ވަނީ ޓީޗަރު ބަންދުން ދޫކޮށްލުމަށް މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ބާތިލުކޮށް އޭނާ 7 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މެޖިސްޓްރޭޓް ކޯޓަށް އަލުން ހުށަހެޅުމަށްވެސް ހައިކޯޓުގެ ފަނޑިޔާރުންގެ ހުކުމުގައި ޕީޖީއަށް އަންގާފައިވެ އެވެ.

ހައިކޯޓުގެ ގަޒިއްޔާއިން އެނގޭގޮތުގައި، ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި މީނާ ހުރެ، ސްކޫލުގެ 18 އަހަރުން ދަށުގެ ފިރިހެން ކުދިންތަކަކާމެދު ޖިންސީ އަމަލު ހިންގި ކަމަށް ތުހުމަތުކޮށް ހެކިތައް ހުށަހަޅައިފައިވެ އެވެ. އަދި ޖިންސީ އަމަލު ހިންގުމަށްޓަކައި މީގެތެރެއިން ގިނަ ކުދިންތަކެއް ގްރޫމްކޮށް، އެ ކުދިންނާ ޖިންސީ އެކިޒާތުގެ ވާހަކަތައް ދައްކާފައިވެ އެވެ. މީގެއިތުރުން މަކުނުބަލީގެ ފޮޓޯ އޭގެތެރެއިން ކުއްޖަކަށް ފޮނުވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ