މާލެ ސަރަހައްދަށް މިވަގުތު ކުރަމުންދާ ވިއްސާރައާ ގުޅިގެން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީގޮތުން ހުއްޓާލައިފި އެވެ.
މި މަޢުލޫމާތު ހާމަކޮށްފައިވަނީ މާލެ ސިޓީ ކައުންސިލުންނެވެ.
ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި 8 އިންޗި އާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރުމުގެ ސަބަބުން ކަށްވަޅު ކޮނެ ސަންދޯއް ބެހެއްޓުމަށް ދަތިވެފައިވާ ކަމަށެވެ. މިހެންވުމުން، މި ވަގުތަށް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލެވެން ނެތް ކަމަށް ކައުންސިލުން ހިތާމައާއެކު ބުނެފައިވެއެވެ.
މި ހާލަތާ ގުޅިގެން، މިއަދު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މީހުންގެ ޖަނާޒާގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލޭ އާސަހަރާ މިސްކިތުގައި ކަމަށް ކައުންސިލުން އަންގާފައިވެއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ ހުޅުމާލެ ސަހަރާ ބޮޑު ކުރުމުގެ މަސައްކަތް ޑިސެމްބަރު މަހުގެ ފަހުކޮޅު ފަށާފަ އެވެ. އެގޮތުން ކައުންސިލުން ވަނީ ސަހަރާގެ ދެކުނަށް އޮތް ބިން ވިނަ ނޮޅާ ސާފުކުރަން ފަށާފަ އެވެ.