ގދ. ނަޑެއްލާގައި އާ ބަނދަރެއް ހެދުމަށް މިމަހުގެ ތެރޭގައި ކޮންޓްރެކްޓަރެއް ހޯދުމަށް އިއުލާން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިކަން އެމަނިކުފާނު ހާމަކުރެއްވީ މިއަދު ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނަޑެއްލާގެ ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވިގޮތުގައި، 2008 ވަނަ އަހަރު ތަރައްޤީކޮށްފައިވާ މިހާރުގެ ބަނދަރަކީ ރަށަށް މިހާރު އައިސްފައިވާ ތަރައްޤީއާ ނުބައްދަލު ބަނދަރެކެވެ. އާ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ރަށަށް ދިމާވެފައިވާ ރަށްގިރުމާއި އުދައެރުމުގެ މައްސަލައަށް ޙައްލެއް ގެނެވޭނެ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ވަނީ ނަޑެއްލާގައި ޒަމާނާ އެކަށީގެންވާ ފެންވަރުގެ އާ މިސްކިތެއް ބިނާކުރުމާއި، ސްކޫލާއި ސިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ މަސައްކަތްތައް މި އަހަރު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޒުވާނުންގެ ކަންބޮޑުވުންތަކަށް އަމާޒުކޮށް، ފުޓުބޯޅަ ދަނޑާއި، ފުޓްސަލް ދަނޑާއި، ވޮލީ ދަނޑު އަދި ޒުވާނުންގެ މަރުކަޒުގެ މަސައްކަތްވެސް މި އަހަރު ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ހުވަދުއަތޮޅުގައި ފުލުހުންގެ ޚިދުމަތް ނުލިބޭ ހަމައެކަނި ރަށެއްގެ ގޮތުގައި ނަޑެއްލާ އޮވެގެން ނުވާނެ ކަމަށާއި، އާބާދީގެ ނިސްބަތުން ބޭނުންވާ ފެންވަރަށް ޚިދުމަތް ދިނުމަށް ޤާއިމުވެ ތިބޭ ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.
ނަޑެއްލާގެ ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވި އެވެ. އަދި ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބިވަޑައިގަންނަވާ އެއްބާރުލެއްވުން އެގޮތުގައި ދެއްވަމުން ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ.