މިއަހަރަކީ ރަށްރަށަށް ވެވަޑައިގެންފައިވާ ވަޢުދުތަކާއި މެނިފެސްޓޯގައި ހިމަނުއްވާފައިވާ ވަޢުދުތައް ތަރުތީބުން ފުއްދެވުމުގެ ޢަމަލީ މަސައްކަތް ކުރައްވާނެ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ގދ. ހޯނޑެއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ހޯނޑެއްދޫއަށް ދިމާވެފައިވާ ރަށްގިރުމާއި އުދައެރުމުގެ މައްސަލައަށް މިއަހަރުގެ ބަޖެޓުން ދާއިމީ ޙައްލެއް ހޯދައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ތަޢުލީމީ އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމާއި ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމަށްވެސް މަސައްކަތް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކައުންސިލްތަކަށް އާމްދަނީ ހޯދައިދިނުމަށްޓަކައި، ރަށާ ކައިރި ފަޅުރަށްތަކުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ހިންގޭނެ ގޮތް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ ހޯނޑެއްދޫގެ އެކި ކަންކަމަށް ޙައްލު ގެނެސްދެއްވުމަށް ފުރިހަމަ ސަމާލުކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން މިއަހަރުގެ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން ގެދޮރުވެރިކަމާއި ތަޢުލީމަށްފަހު މަގުހެދުމަށް އިސްކަންދެއްވާނެކަމަށް ވިދާޅުވެ، ހޯނޑެއްދޫ މަގުހެދުމުގެ ވަޢުދު މިއަހަރާއި މިއަންނަ އަހަރު ފުއްދަވާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް މުޢިއްޒު ވަނީ މިއަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމާއި ހައުސިންގ މަޝްރޫޢުތައް ފެށުމުގެ ބަޖެޓެއްކަން ފާހަގަކުރައްވައި، ހޯނޑެއްދޫގެ ހައުސިންގ މަޝްރޫޢުވެސް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ހޯނޑެއްދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސްއިން ހޯނޑެއްދޫގައި އޭ.ޓީ.އެމްއެއް ބެހެއްޓުމުގެ މަސައްކަތް ފެށުމަށްޓަކައި އެއްބަސްވުމުގައި ސޮއިކުރެއްވުންވެސް ކުރިއަށް ގެންދެވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވަޢުދަކީވެސް ފުއްދެވުމަށް ވެވަޑައިގެންފައިވާ ވަޢުދުތަކެއް ކަމަށެވެ.