ގދ. ހޯނޑެއްދޫގައި ގާއިމުކުރެވުނު ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފި އެވެ.
މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނު މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހުވަދު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ހޯނޑެއްދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
މި މަޝްރޫޢަކީ ކުރީ ސަރުކާރުގައި 2022 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ފެށުނު މަޝްރޫޢެކެވެ.
މި މަޝްރޫޢު ކުރިއަށް ގެންދެވިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 4.9 މިލިއަން ޑޮލަރުގެ އެހީގެ ދަށުންނެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދެވުނު މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޓްރެވެނީ އިންޖިނިއަރިން އެންޑް އިންޑަސްޓްރީސް ލިމިޓެޑުންނެވެ.
މި މަޝްރޫޢުގެ ދަށުން ހޯނޑެއްދޫގައި ނަރުދަމާގެ 5 ޕަންޕް ސްޓޭޝަން ޤާއިމުކުރެވި، ސީ އައުޓް ފޯލް އެޅި، އަދި މުޅި ރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ ވިއުގަ އެޅި، ގޭގެއަށް ކަނެކްޝަން ދެވިފައިވެއެވެ. މީގެ އިތުރުން، ދުވާލަކު 75 ޓަނުގެ ފެން އުފެއްދޭ ވަރުގެ ދެ އާރްއޯ ޕްލާންޓް ބެހެއްޓި، އަދި ފެން ރައްކާކުރުމަށް ދެ ޓޭންކުވެސް ބެހެއްޓިފައިވާކަން ފާހަގަކުރެވެއެވެ.
މި ޚިދުމަތް ފެށުމާއެކު ހޯނޑެއްދޫގެ ރައްޔިތުންނަށް ސާފު ބޯފެން ލިބުމާއި، ނަރުދަމާގެ ޚިދުމަތް ހޯދުމުގައި ފަސޭހަވެގެން ދާނެ އެވެ.