މިއަހަރުގެ ފުރަތަމަ 5 ދުވަހުގެ ތެރޭގައި ރާއްޖެއަށް 32،000 އަށް ވުރެ ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފި އެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 5 ދުވަހުގެ ތެރޭގައި ރާއްޖެއަށް 32،349 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 27،544 ފަތުރުވެރިންނެވެ. އެހެންކަމުން ފަތުރުވެރިން އަދަދަށް މިވަނީ %17.4 ކުރިއެރުމެއް ލިބިފައެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެ އަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،470 ފަތުރުވެރިން އާދެ އެވެ.
ރާއްޖެއަށް މިއަހުރުގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާ އިން ކަމަށްވާ އިރުގައި ރަޝިޔާ އިން އެކަނި މިހާތަނަށް 6000 އަށް ވުރެން ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އަހަރުގެ މިހާތަނަށް ރާއްޖެ އަަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން %70 އަކީ ރިސޯޓުތަކަށް އައިސްފައިވާ ފަތުރުވެރިންނެވެ އަދި %23.3 އަކީ ގެސްޓުހައުސްތަކަށް އައިސްފައިވާ ފަތުރުވެރިންނެވެ.
މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ޗައިނާ އޮތީ ލިސްޓުގެ 9 ވަނައިގަ އެވެ.
މި ނިމުނު އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ކާމިޔާބު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައިވާއިރު ސަރުކާރުން އެ އަހަރަށް ކަނޑައަޅައިފައިވާ 2 މިލިޔަން ފަތުރުވެރިންގެ އަމާޒުވެސް ވަނީ ހާސިލްކޮށްފައެވެ