މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން ޗައިނާގައި ފެތުރެމުން އަންނަކަމަށްބުނާ ހިއުމަން މެޓަނިއުމޯވައިރަސްގެ ފުރަތަމަ ކޭސް އިންޑިއާއިން ފެނިފައިވާ ކަމަށް އިންޑިއާއިން ބުނެފި އެވެ.
މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ބެންގަލޫރަށް ނިސްބަތްވާ އުމުރުން އެންމެ 8 މަހުގެ ތުއްތު ކުއްޖަކަށް ކަމުގައި އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާގޮތުގައި އެ ރިޕޯޓް ލިބިފައި ވަނީ ބެންގަލޫރުގެ އުތުރުގައި ހިންގަމުން އަންނަ އަމިއްލަ ހޮސްޕިޓަލެއްކަމުގައިވާ ބަޕްޓިސްޓް ހޮސްޕިޓަލުންނެވެ.
އެ ހޮސްޕިޓަލުން ކުރި ރިޕޯޓް އިތުރަށް ކަށަވަރުކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށްވެސް އިންޑިއާގެ މީޑިއާތަކުން ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޗައިނާގައި އެމްއެމްޕީވީ ކޮންޓްރޯލުން ނެއްޓި ފެތުރެމުން އަންނަކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކުރަމުންދާތާ ދުވަސްތަކެއް ވެފައިވާއިރު ޗައިނާއިން ވަނީ އެކަން ދޮގުކޮށްފަ އެވެ. ޗައިނާއިން ބުނަނީ މޫސުމީ ބަލިތައް ރިޕޯޓްކުރެވޭ އަދަދު ކޮންމެވެސް ވަރަކަށް އިތުރުވެފައިވާކަމަށާއި އަދި ކުރިންވެސް ޗައިނާ އަދި އެތައް ގައުމެއްގައިވެސް ފެނިފައިވާ އެޗްއެމްޕީވީވެސް އެ ބަލިތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ބުނެފައިވަނީ ޗައިނާގައި މިހާރު ފެތުރެމުންދާ ނޭވާލާ ނިޒާމަށް ޖެހޭ ބަލީގެ ހާލަތު ގާތުން މޮނީޓަރ ކުރަމުންދާ ކަމަށެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އާ ހަވާލާދީ އެޗްޕީއޭ އިން ބުނެފައިވަނީ، ޗައިނާގެ އެކި ހިސާބުތަކުގައި މިދިޔަ ނޮވެމްބަރު 2 އިން ފެށިގެން ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް، މިދިޔަ އަހަރާ އަޅާބަލާއިރު މި މޫސުމުގައި ނޭވާލާ ނިޒާމުގެ ބަލިތައް ފެންނަ މިންވަރާއި ބަލީގައި ބޮޑުވަރުވާ މީހުންގެ ނިސްބަތް މަދުކަމަށް ޗައިނާގެ ސީޑީސީގެ ތަފާސްހިސާބުތަކުން ދައްކާކަމަށް ޑަބްލިއުއެޗްއޯ އިން ފާހަގަކޮށްފައިވެ އެވެ.
އެޗްޕީއޭ އިން ޚާއްޞަކޮށް އިރުޝާދު ދީފައިވަނީ، ރޯގާ އަދި ކެއްސުންފަދަ އަލާމާތްތައް ހުންނަ ފަރާތްތަކުން އާންމު ތަންތަނަށް ނުކުންނައިރު މާސްކު އަޅައިގެން އުޅުމަށާއި، އުމުރުން ދުވަސްވީ މީހުންނާއި ތުއްތު ކުދިންނަށް ޒިޔާރަތް ނުކުރުމަށެވެ. މީގެ އިތުރުން، ނޭވާލަން އުނދަގޫވުން، މޭގައި ރިއްސުން، އާދަޔާ ޚިލާފަށް ވަރުބަލިވުން، ނުވަތަ އަލާމާތްތައް ގިނަ ދުވަހަށް ދެމިގެންދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ.
ހިއުމަން މެޓަނިއުމޯވައިރަސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންޑިއާ ޗައިނާ