އާސަންދަ ސްކީމުން ބޭސް ލިބުމުގައި ދަތިތަކާ ކުރިމަތިވާނަމަ އެކަން ރިޕޯޓުކުރުމަށް އާސަންދަ ކުންފުނިން އެދިއްޖެ އެވެ.
އާސަންދަ ކުންފުނިން ބުނެފައިވާ ގޮތުގައި، އާސަންދަ ސްކީމުން ބޭސް ނަގާއިރު އަމިއްލަ އަތުން ފައިސާ ދައްކަންޖެހޭ ނަމަ ނުވަތަ ބޭހެއް ނުލިބިއްޖެ ނަމަ އެ ޝަކުވާއެއް ހޮޓްލައިން 7951400 އަށް ވައިބަރ މެދުވެރިކޮށް ރިޕޯޓުކުރުމަށް އެދެއެވެ. އަދި ރިޕޯޓު ކުރާއިރު ބޭސް ފިހާރައިގެ ނަމާއެކު، ބޭސް ސިޓީ އަދި ބޭހުގެ ރަސީދު ފޮނުވުމަށްވެސް އާސަންދަ ކުންފުނިން ވަނީ އެދިފައެވެ.
މި ފިޔަވަޅު އަޅާފައިވަނީ ފަހަކަށް އައިސް ބޭހަށް އާސަންދަ ދޭ އަގު ކުޑަކުރުމާ ގުޅިގެން، އެކި ސަބަބުތަކާ ހުރެ ބައެއް ބޭސްތައް އާސަންދަ ސްކީމުން ދޫކުރުން ހުއްޓާލާފައިވާތީއެވެ. ފާމަސޫޓިކަލް އެސޯސިއޭޝަންގެ ރައީސް އަހުމަދު މައުމޫން ކުރިން ވިދާޅުވެފައިވާ ގޮތުގައި، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 250 ބޭހެއްގެ އަގު ކޮންޓްރޯލް ކުރުމުން ގިނަ ފާމަސީތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އާސަންދަ ސްކީމްގެ ބޭކާރު ހަރަދުތައް ކުޑަކުރުމަށް އާޅާ ފިޔަވަޅެއްގެ ގޮތުން، އެ ކުންފުނިން އަންނަނީ ބޭހުގެ އަގުތައް ކޮންޓްރޯލްކުރަމުންނެވެ.