28 ރަށެއްގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނަށް މިހާތަނަށް އެއްވެސް އެޕްލިކޭޝަން ފޯމެއް ލިބިފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މި ބައި-އިލެކްޝަންތައް 2025 ފެބުރުވަރީ 08 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާ، އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް އީސީން ހުޅުވާލީ ޑިސެމްބަރު 22 ވަނަ ދުވަހު އެވެ.
އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 06 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ކަމަށްވާއިރު މިއަދާއި މާދަމާ ފޯމްތައް ލިބޭނެކަމަށް އީސީއިން ބުނެ އެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާގޮތަށް، ޤާނޫނަށް އިސްލާހު ގެނައި 2022 ވަނަ އަހަރު އެވެ.
28 ރަށެއްގެ ކައުންސިލާއި، ޑަބްލިޔުޑީސީގެ ބައި-އިލެކްޝަނަށް އެއްވެސް އެޕްލިކޭޝަން ފޯމެއް މިހާތަނަށް ލިބިފައިނުވާއިރު ކުރިމަތިލާ މެމްބަރުންގެ އަދަދު މަދުވުމާއި މެމްބަރުން ކުރު މުއްދަތެއްގެ ތެރޭގައި އިސްތިއުފާދޭތީ އެކަމުގެ ކަންބޮޑުވުން އީސީން އަންނަނީ އަބަދުވެސް ފާޅުކުރަމުންނެވެ.