ޗައިނާގައި މިހާރު ފެތުރެމުންދާ ނޭވާލާ ނިޒާމަށް ޖެހޭ ބަލީގެ ހާލަތު ގާތުން މޮނީޓަރ ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފި އެވެ.
މިދުވަސްވަރު ޗައިނާގައި ނޭވާލާ ނިޒާމުގެ ބަލިތައް އާދަޔާ ޚިލާފަށް ގިނަވަމުންދާކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެން އެޗްޕީއޭ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ޗައިނާގައި އިމަޖެންސީ ހާލަތު އިޢުލާނުކޮށްފައި ނުވާ ކަމަށެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އާ ހަވާލާދީ އެޗްޕީއޭ އިން ބުނެފައިވަނީ، ޗައިނާގެ އެކި ހިސާބުތަކުގައި މިދިޔަ ނޮވެމްބަރު 2 އިން ފެށިގެން ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް، މިދިޔަ އަހަރާ އަޅާބަލާއިރު މި މޫސުމުގައި ނޭވާލާ ނިޒާމުގެ ބަލިތައް ފެންނަ މިންވަރާއި ބަލީގައި ބޮޑުވަރުވާ މީހުންގެ ނިސްބަތް މަދުކަމަށް ޗައިނާގެ ސީޑީސީގެ ތަފާސްހިސާބުތަކުން ދައްކާކަމަށް ޑަބްލިއުއެޗްއޯ އިން ފާހަގަކޮށްފައިވެ އެވެ.
އެޗްޕީއޭ އިން ޚާއްޞަކޮށް އިރުޝާދު ދީފައިވަނީ، ރޯގާ އަދި ކެއްސުންފަދަ އަލާމާތްތައް ހުންނަ ފަރާތްތަކުން އާންމު ތަންތަނަށް ނުކުންނައިރު މާސްކު އަޅައިގެން އުޅުމަށާއި، އުމުރުން ދުވަސްވީ މީހުންނާއި ތުއްތު ކުދިންނަށް ޒިޔާރަތް ނުކުރުމަށެވެ. މީގެ އިތުރުން، ނޭވާލަން އުނދަގޫވުން، މޭގައި ރިއްސުން، އާދަޔާ ޚިލާފަށް ވަރުބަލިވުން، ނުވަތަ އަލާމާތްތައް ގިނަ ދުވަހަށް ދެމިގެންދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ.
ފިނި މޫސުމާ ގުޅިގެން ޗައިނާ އަދި އެހެން ފިނި މޫސުން އަންނަ ޤައުމުތަކުގައި ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވާކަން ފާހަގަކުރެވިފައިވާއިރު، އެޗްޕީއޭ އިން ވަނީ މި ހާލަތު ގާތުން ބަލަމުންދާނެ ކަމަށް ބުނެފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ރާއްޖެ - ޗައިނާ ޗައިނާ