ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މި ހަފުތާގައި ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
މިއީ ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޣައްސާން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މިނިސްޓަރ އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަން ހާމަކުރައްވާފައި ވަނީ މިނިސްޓަރު ހަލީލް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ނޫހަކަށް ދިން އިންޓަވިއުއެއްގެ ތެރެއިންނެވެ.
އިންޑިއާގެ ވިއޯން ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ހަލީލް ވިދާޅުވެފައި ވަނީ މިނިސްޓަރު ޣައްސާން އެގައުމަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ދެދުވަހަށް، މިމަހުގެ 7-8 އަށް ކަމަށެވެ.
މިނިސްޓަރގެ މިދަތުރުފުޅަކީ ވަރަށް މުހިންމު ދަތުރުފުޅެއްކަން އެ ނޫހުން ފާހަގަކޮށްފައިވެ އެވެ. އޭގެ މައިގަނޑު ސަބަބަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލާފައިވުމެވެ.
މި އިންޓަވިއުގައި މިނިސްޓަރު ހަލީލް ވަނީ ”އިންޑިއާ އައުޓް“ ކެމްޕޭނަކީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކެމްޕޭނެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްނަންގަވައިގެން ހިންގެވި ކެމްޕޭނެއް ކަމަށާއި، ޔާމީނާ މިހާރު ސަރުކާރުގެ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ރާއްޖެ - އިންޑިއާ މިނިސްޓްރީ އޮފް ޑިފެންސް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން