މިހާރު އިންޑިއާއަށް ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމަކީ ރާއްޖޭގައި މިހާޜު އިންޑިއާއިން ކުރިއަށް ގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ދެން އޮތް މަރުހަލާ ތަމްފީޒު ކުރުމާ ބެހޭ އެއްބަސްވުމެވެ.
މި ބައްދަލުވުމަށް ފަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސ. ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާގެ ’ނޭބަރހުޑް ފަސްޓް‘ ސިޔާސަތާއި ’ސާގަރ‘ ވިޝަންއާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ ކުރިއެރުމާއި ފާގަތިކަމަށް އިންޑިއާއިން ދެމިހުންނާނީ ވަރުގަދަ އެހީތެރިއެއްގެ ގޮތުގައި ކަމަށެވެ. އަދި ދެގައުމުގެ ތަރައްޤީގެ އެހީތެރިކަމާއި، އިޤްތިޞާދީ، ސަލާމަތީ، ފިންޓެކް އަދި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރިކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.
އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ) ގްރާންޓް އެހީގެ ދަށުން 7 މަޝްރޫއަކަށް އިންޑިއާއިން ވަނީ މީގެ ކުރިން ފަންޑު ދޫކޮށްފަ އެވެ. މި މަޝްރޫޢުތައް އިޢުލާނުކުރެއްވީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.
މި 7 މަޝްރޫޢުތަކުގެ ޖުމްލަ އަގަކީ 132 މިލިއަން އިންޑިއާ ރުޕީސް (27 މިލިއަން ދިވެހި ރުފިޔާ) އެވެ. އަދި މި މަޝްރޫޢުތައް ހިންގަން ނިންމާފައިވަނީ ރާއްޖޭގެ 7 އަތޮޅެއްގައެވެ. އެއީ ހއ. އަތޮޅު، ނ. އަތޮޅު، ކ. އަތޮޅު، އއ. އަތޮޅު، ތ. އަތޮޅު، ގއ. އަތޮޅު އަދި ސ. އަތޮޅެވެ. މި މަޝްރޫޢުތަކުގައި ހިމެނެނީ ޞިއްޙީ ދާއިރާ، ޒުވާނުންގެ ތަރައްޤީ އަދި ތަރިކަ ރައްކާތެރިކުރުމުގެ ދާއިރާތަކެވެ. މީގެ ތެރޭގައި ހިމެނެނީ:
1. ހއ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި އޯޑިއޮލޮޖީ ޔުނިޓެއް ޤާއިމުކުރުން
2. ނ. ލަންދޫ މާބުދުގެ އަދި ތ. ދިޔަމިގިލީ ގަނޑުވަރުގައި ސައިޓް މިއުޒިއަމްތަކެއް ޤާއިމުކުރުން
3. ނ. މަނަދޫގައި މަލްޓި-ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރުން
4. ހުޅުމާލޭ ހޮސްޕިޓަލުގައި ޕްރޮސްތެޓިކްސް އަދި އޯތޯޓިކްސް ފެސިލިޓީއެއް ޤާއިމުކުރުން
5. އއ. ދިގުރަށުގައި ޒުވާނުންގެ މަރުކަޒެއް ޤާއިމުކުރުން
6. ގއ. ގެމަނަފުށީގައި ޒުވާނުންގެ މަރުކަޒެއް ޤާއިމުކުރުން
7. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ޞިއްޙަތުގެ ޔުނިޓެއް ޤާއިމުކުރުން
މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓްތަކުގެ މައުލޫމާތެއް އަދި އެއްވެސް ގައުމަކުން ހާމަކޮށްފައެއް ނުވެ އެވެ.
ރާއްޖެ - އިންޑިއާ އިންޑިއާ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް