މޫސުން ގޯސްވެ، ޤައުމީ މޫސުމާއި ބެހޭ އިދާރާ (މެޓް) އިން އޮރެންޖް އިންޒާރު ނެރެފި އެވެ.
މެޓުން އޮރެންޖް އިންޒާރު ނެރުނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށެވެ. އަދި އެ އިންޒާރު ނެރިފައިވަނީ 3:00 އިން ފެށިގެން 19:00 އަށެވެ. އިންޒާރު ނެރިފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކޮށެވެ.

އާ އަހަރުގެ ބަންދާ ގުޅިގެން މުޅި ރާއްޖެއަށް ދަނީ ވިއްސާރަވެ، މޫސުން ގޯސްވަމުންނެވެ. މިދިޔަ ދެތިން ދުވަހު ކުރަން ފެށި ވިއްސާރަ މިއަދު އިތުރަށް ގޯސްވެފައިވާކަން ފާހަގަކުރެވެއެވެ. މެޓުން ކުރިން ބުނެފައިވަނީ މޫސުން އަލިކޮށްލާނީ މި މަހުގެ 5 ވަނަ ދުވަހުގެ ފަހުން ކަމަށެވެ.
މެޓުން އިތުރަށް ހާމަކުރި ގޮތުގައި، މިހާރު ރާއްޖެއަށް ކުރަމުންދަނީ ދެ މޫސުން ބަދަލުވާ ވިއްސާރައެވެ. 2025 ވަނަ އަހަރުގެ އިރުވައި މޫސުން ރާއްޖެއަށް ފެށިފައިވަނީ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ. މިއީ އާންމު ގޮތެއްގައި އިރުވައި މޫސުން ފެށޭ ދުވަސްވަރަށްވުރެ ލަސްކޮށް ކަމަށް މެޓުން ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް ދެމިގެންދާ މޫސުމެކެވެ. އަދި ހުޅަނގު މޫސުމަކީ މޭ މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެންބަރު މަހުގެ ނިޔަލަށް ދެމިގެންދާ މޫސުމެކެވެ.
މެޓުން އިތުރަށް ބުނީ، އާންމު ގޮތެއްގައި އިރުވައި މޫސުމުގެ އަސަރުތައް ޑިސެންބަރު މަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފްތާގައި އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ފެށި، ޖެނުއަރީ މަހުގެ ތެރޭގައި މުޅި ރާއްޖެއަށް އިރުވައި މޫސުން ފެށިގެންދާ ކަމަށެވެ.
އިރުވައި މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑަކީ ވައިގެ މިސްރާބު އިރުމަތިން ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރު މިނުގައި ވައި ޖެހުމާއި، މި ހާލަތު ވިދިވިދިގެން ދެ ދުވަހަށް ދެމިގެން ދިއުން ކަމަށްވެސް މެޓުން ހާމަކޮށްފައިވެއެވެ.