އައްޑޫ ސިޓީ ހިތަދޫގައި ހުރި ފެން ހިއްކާ ޕަންޕުތައް މާލެ ގެންނަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރޭގެ ވަގުތެއްގައި ”ނައުޓީ“ ކިޔާ އެކައުންޓަކުން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި ހުރި ފެން ހިއްކާ ޕަންޕުތައް ރޫޅާލައިގެން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ޕޯސްޓާއެކު ވީޑިއޯއެއް ވެސް ހިމަނާފައި ވެއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރ މުއްތަލިބު ވިދާޅުވީ މިއީ އެއްވެސް ގޮތަކަށް ތެދު ވާހަކަތަކެއް ނޫން ކަމަށެވެ. އަދި މިހާރު އެތަނުގައި ކުރަމުން އަންނަ މަސައްކަތަކީ ފެން ހިއްކާ ޕަންޕުތައް އިންސްޓޯލް ކުރުމާއި އެ ޕަންޕުތައް ޓެސްޓު ކުރުމުގެ މަސައްކަތްތައް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އައްޑޫ މަގު ހެދުމުގެ މަޝްރޫއަށް އެއް ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައި ވަނީ އެ މަސައްކަތް ނިމޭއިރު ބޯކޮށް ވާރޭ ވެހިއްޖެ ނަމަ، ފެން ހިންދުމަށް އެންމެ ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކުރާނެ ކަމަށެވެ. އަދި މަގު ހެދުމުގެ މަޝްރޫއު ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދަނީ ވިއްސާރަ މޫސުމުގައި އައްޑޫއަށް ވެސް ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވަމުންދާތީ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެ އެވެ.
މި މަޝްރޫޢުގެ ދަށުން އައްޑޫފޭދޫ، މަރަދޫ، މަރަދޫފޭދޫ، ހިތަދޫ އަދި ހުޅުމީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސްއާ އެވެ.
އައްޑޫގެ މަގުތަކުގެ ފފެން ހިންދުމަށް ބަހައްޓާފައިވާ ޕަންޕުތައް މާލެ ގެންދާކަމަށް ބުނެ ސޯޝަލް މީޑިއާގައިވާ ވިޑިއޯ؛
އައްޑޫ ސިޓީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ