ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވަނީ އެކަން ކުރި މީހާއަށް ނޫން ކަމަށާއި އެ މީހަކު ކުރި އަމަލަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވެފައި ވަނީ، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުގައި ހިންގާފައިވާ ކޮރަޕްޝަންގެ ސަބަބުން ވަރަށް ގިނަ ފައިސާ ދައުލަތުން ގެއްލިފައިވާ ކަމަށާއި، އެ ފައިސާ ހޯދަން ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ ވަރަށް މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.
ގައުމާއި ދައުލަތަށް ހިޔާނާތްތެރިވުމުން އެ މައްސަލަ ބަލަން ޖެހޭ ކަމަށްވެސް އަބްދުލްރަހީމް ވިދާޅުވި އެވެ.
”އެއީ ކުރީ ސަރުކާރުގެ ވަޒީރެއްތޯ؟ އެއީ ކުރީ ސަރުކާރުގެ ވެރިއެއްތޯ؟ އެއީ ކުރީގެ ރައީސެއްތޯ؟ ނައިބުރައީސެއްތޯވެސް ބަލާކަށް ނުޖެހޭ،“
އަބްދުލްރަހީމް ވިދާޅުވީ، ކޮރަޕްޝަން ހިންގީ ނުވަތަ ގާނޫނާއި އުސޫލުގެ ބޭރުން ކަންކަން ކުރީ ކާކުކަން އެނގުނަސް ކުށްވެރިވާ މީހަކު ކަނޑައަޅާނީ އިޖުރާއަތުތަކުގެ ތެރެއިން ކަމަށެވެ.
ގާނޫނުއަސަސީގެ 115 ވަނަ މާއްދާގެ ދަށުން އެކި މަގާމުތަކަށް މީހުން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ކަމަށާއި އޭގެ ބޭރުން އެ މީހުން ކަންކަން ކުރާ ނަމަ އެ ކަމެއް ބަލާނެކަން މި ސަރުކާރުން އަންނަނީ ދައްކަމުން ކަމަށްވެސް އަބްދުލްރަހީމް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮރަޕްޝަން އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް