މި ސަރުކާރުގައި ކެބިނެޓުގެ މަގާމުތަަކަށް ބަދަލު ގެެނެސްފައި ވަނީ ދިރާސާތައް ކުރުމަށްފަހު ވެރިކަން ހަރުދަނާ ކުރުމުގެ ގޮތުން ކަަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވެފައި ވަނީ، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަބްދުލްރަހީމް ވިދާޅުވީ، ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށާއި، ރައްޔިތުންނަށް އެންމެ ފަސޭހައިން ހިދުމަތް ލިބޭނެ މަގަށް ކަންކަން އިންތިޒާމު ކުރުމަކީ ވެރިމީހާގެ މައްޗަށް އޮންނަ ޒިންމާއެއް ކަަމަށެވެ.
މިނިސްޓަރުންގެ މަގާމަށް ބަދަލު ގެންނަން ފެނިވަޑައިގަތުމުން އެ ބަދަލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަވަމުން ގެންދަވަނީ އެ މަނިކުފާނަށް ގާނޫނު އަސާސީގައި ލިބިދީފައިވާ އިހުތިޔާރުގެ ދަށުންކަން މަޖިލިސް ރައީސް ފާހަގަކުރެއްވި އެވެ.
”އެއްގޮތަަކަށް ވެސް ސަރުކާރެއް ސްޓޭބަލް ނުވެގެންނެއް ނޫން ވަޒީރުން ވަކިކުރަނީ، އެއީ ސަރުކާރެއް ސްޓޭބަލްކޮށް ހިންގަން ބޭނުންވާތީ.“
މިނިސްޓަރުންގެ މަގާމުތަކުގައި އެ ތިއްބަވާ ގޮތެއްގައި ދައުރު ނިމެންދެން ތިއްބެވި ދުވަސް ދެކިވަޑައިގެންފައިވާ ކަަމަށާއި، އެއީ ސަރުކާރު ”ސްޓޭބަލް“ ވުން މިނެކިރަން އޮންނަ މިންގަނޑު ނޫން ކަމަށްވެސް އަބްދުލްރަހީމް ވިދާޅުވި އެވެ.
އަބްދުލްރަހީމް އިތުރަށް ވިދާޅުވެފައި ވަނީ، އެގޮތަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސަރުކާރަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގައި އެއް އަހަރުގެ ތެރޭގައި ކެބިނެޓަށް އެކި ފަހަރު މަތިން ބަދަލު ގެންނަވާފައިވެ އެވެ. އެގޮތުން ފިނޭންސް މިނިސްޓަރާއި ފޮރިން މިނިސްޓަރާއި ހެލްތް މިނިސްޓަރާއި އެގްރިކަލްޗާ މިނިސްޓަރާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރާއި ހައުސިން މިނިސްޓަރު ވަނީ ބަދަލު ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަޒީރުންގެ މަޖިލިސް