އާ އަހަރު ފެށުނު ރޭ ބަނގުރާ ބޭނުންކޮށް އޭގެ ވިޔަފާރި ކުރިކަމަށް ތުހުމަތުކުރެވޭ ތިން ދިވެހި ފިރިހެނުން ހައްޔަރުކޮށްފި އެވެ.
މިއީ ފުލުހުން އާ އަހަރާ ގުޅުވައިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަތުލައިގަތް 3 މީހުންނެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ކަމަށެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ.
މި މައްސަލައިގައި ހައްޔަރު ކުރީ ސ. ހުޅުދޫ، ޗާދަނީގެ، އަހުމަދު އާނިޝް (22އ) އާއި ސ. ހުޅުދޫ، ހެޕީޑްރީމް، އިބްރާހިމް އަކްމަލް އަބްދުއްސައްތާރު އަދި މާލެ، ގ. ރެއިންބޯ، އިސްމާއިލް މާހީން މުސްތަފާ އެވެ.
ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަނޑިޔާރު ވަނީ ޝަރުތުތަކެއްކޮށް އެ މީހުން ދޫކޮށްލާފައެވެ. ނަމަވެސް، މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
އާ އަހަރާ ގުޅިގެން ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުން އިތުރުވެދާނެ ކަމަށް ބެލެވޭތީ، ފުލުހުން ވަނީ ދުރާލާ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.