މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު އާ ފުރުސަތުތަކެއް ހުޅުވޭނެ: މިނިސްޓަރު ހަލީލް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (ފްރީ ޓްރޭޑް އެގްރީމެންޓް) އާއެކު ދެ ޤައުމަށްވެސް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ ޗައިނާއާއެކު އޮތް ބަދަހި ގުޅުން ދައްކުވައިދޭ މުހިންމު ދަނޑިވަޅެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓާއި އިގްތިސާދީ ކުރިއެރުމަށް ދެ ގައުމަށް ވެސް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މިއަދު އެވެ.

މި އެއްބަސްވުމަކީ 2017 ވަނަ އަހަރު ޗައިނާއާއެކު ރާއްޖެއިން ސޮއިކުރި އެއްބަސްވުމެކެވެ.

އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ހެޔޮވެ، އެ ޤައުމުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ދިވެހި ވިޔަފާރިވެރިންނަށް ފަހިވެގެންދާނެ އެވެ. މީގެ އިތުރުން، ލޯޔަރުން، އާކިޓެކްޓުން، ސިއްޙީ ޚިދުމަތްތެރިން އަދި އެހެނިހެން ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ދިވެހިންނަށް ޗައިނާގެ މާކެޓަށް ޚިދުމަތް ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި އެއްބަސްވުމަށް އަމަލުކުރަން ފެށުމުން ދިވެހިރާއްޖެއިން ޗައިނާއަށް ބޭރުކުރާ މަހުގެ ބާވަތްތައް ސުން ޓެކުހުގައި ޗައިނާއަށް އެތެރެ ކުރެވޭނެ އެވެ. މީގެ ތެރޭގައި ފިނިކުރި ނުވަތަ ގަނޑުކުރި ކަޅުބިލަ މަހާއި ފާނައިގެ ބާވަތްތަކާއި ކަންނެލީގެ ބާވަތްތަކާއި، ދަޅުމަހާއި ވަޅޯމަހާއި ލޮނުމަހާއި ސީފުޑްގެ ބާވަތްތައް ހިމެނެ އެވެ.

މީގެއިތުރުން ދިވެހިރާއްޖޭގައި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ޗައިނާގެ މާކެޓަށް ވާސިލްވެވި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވާނެ އެވެ. އަދި ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް މަގުފަހިވެ، ދިވެހި އިންވެސްޓަރުންނަށް ޗައިނާގައި އިންވެސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި އެއްބަސްވުމަކީ ޗައިނާއިން މިހާތަނަށް ސޮއިކޮށްފައިވާ 16 ވަނަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެވެ. އަދި މިއީ ދިވެހިރާއްޖެއިން ބޭރުގެ ޤައުމަކާއެކު ސޮއިކުރި ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެވެ.

ރާއްޖެ - ޗައިނާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ