މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފި އެވެ.
މެޓުން ރީނދޫ ސަމަލު ނެރެފައި ވަނީ، ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. މި ސަމާލުގެ ވަގުތަކީ މެންދުރު 14:00 އިން ފެށިގެން އިރު އޮއްސި 18:30 އަށްކަމަށް މެޓުން ބުނެ އެވެ.
އެ ރީނދޫ ސަމާލުގައި ބުނެފައިވަނީ މި ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
ވިލާގަނޑުގައި ގަދިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ވިއްސާރަ ވުމާއި ގުޅިގެން މެޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޫސުން ގޯސްވާން ދިމާވި ސަބަބަކީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑަކާއި، އެ ކޮޅިގަނޑާ ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފެއްގެ ސަބަބުން ކަމަށެވެ.
މެޓުން ލަފާކުރާ ގޮތުގައި، ޖެނުއަރީ 5 އާ ހަމައަށް ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައި ގަދަވުމުގެ ސަބަބުން ކަނޑުތައް ގަދަވާނެ އެވެ.