މިއަދުން ފެށިގެން އަމަލުކުރަން ފެށި ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ޗައިނާގައި ފިހާރަ ހުޅުވައިގެން ވިޔަފާރި ކުރެވި، ޓްރެވަލް އެޖެންސީ ހަދައިގެން ފަތުރުވެރިން ގެނެސް ހަރަކާތްތެރިވެވޭނެ ކަމަށް، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސިޔާޒް ވިދާޅުވެއްޖެ އެވެ.
ސިޔާޒް މި މަޢުލޫމާތު ހާމަކުރެއްވީ އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ކުރާ ވިޔަފާރި މުދަލުގެ ބޮޑު ޕަސެންޓެއްގެ ޑިއުޓީ މާފުވުމުގެ އިތުރުން، ޚިދުމަތުގެ ދާއިރާގައިވެސް ހަރަކާތްތެރިވެވޭނެ ކަމަށް ސިޔާޒް ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ސިޔާޒް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، އިންވެސްޓްމަންޓްތައް ހިމާޔަތްކުރެވި، އަދި ދިވެހި ވިޔަފާރިތަކަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
ތަފާތު 11 ދާއިރާއެއް ހިމެނޭ މި އެއްބަސްވުމުގެ ދަށުން ޑޮކްޓަރުންނާއި، އެކައުންޓެންޓުންނާއި، އާކިޓެކްޓުންނާއި، އިންޖިނިއަރުންނާއި، އަދި ޓޫރިޒަމް ދާއިރާގައި ޚިދުމަތްދޭ ފަރާތްތަކަށް ޗައިނާގައި ވިޔަފާރިކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ސިޔާޒް ފާހަގަކުރެއްވި އެވެ.
ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މިއަދު އެވެ.
މި އެއްބަސްވުމަކީ 2017 ވަނަ އަހަރު ޗައިނާއާއެކު ރާއްޖެއިން ސޮއިކުރި އެއްބަސްވުމެކެވެ.
އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ހެޔޮވެ، އެ ޤައުމުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ދިވެހި ވިޔަފާރިވެރިންނަށް ފަހިވެގެންދާނެ އެވެ. މީގެ އިތުރުން، ލޯޔަރުން، އާކިޓެކްޓުން، ސިއްޙީ ޚިދުމަތްތެރިން އަދި އެހެނިހެން ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ދިވެހިންނަށް ޗައިނާގެ މާކެޓަށް ޚިދުމަތް ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި އެއްބަސްވުމަށް އަމަލުކުރަން ފެށުމުން ދިވެހިރާއްޖެއިން ޗައިނާއަށް ބޭރުކުރާ މަހުގެ ބާވަތްތައް ސުން ޓެކުހުގައި ޗައިނާއަށް އެތެރެ ކުރެވޭނެ އެވެ. މީގެ ތެރޭގައި ފިނިކުރި ނުވަތަ ގަނޑުކުރި ކަޅުބިލަ މަހާއި ފާނައިގެ ބާވަތްތަކާއި ކަންނެލީގެ ބާވަތްތަކާއި، ދަޅުމަހާއި ވަޅޯމަހާއި ލޮނުމަހާއި ސީފުޑްގެ ބާވަތްތައް ހިމެނެ އެވެ.
މީގެއިތުރުން ދިވެހިރާއްޖޭގައި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ޗައިނާގެ މާކެޓަށް ވާސިލްވެވި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވާނެ އެވެ. އަދި ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް މަގުފަހިވެ، ދިވެހި އިންވެސްޓަރުންނަށް ޗައިނާގައި އިންވެސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި އެއްބަސްވުމަކީ ޗައިނާއިން މިހާތަނަށް ސޮއިކޮށްފައިވާ 16 ވަނަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެވެ. އަދި މިއީ ދިވެހިރާއްޖެއިން ބޭރުގެ ޤައުމަކާއެކު ސޮއިކުރި ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެވެ.
ރާއްޖެ - ޗައިނާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް