ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
މި އެއްބަސްވުމަކީ 2017 ވަނަ އަހަރު ޗައިނާއާއެކު ރާއްޖެއިން ސޮއިކުރި އެއްބަސްވުމެކެވެ.
އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ހެޔޮވެ، އެ ޤައުމުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ދިވެހި ވިޔަފާރިވެރިންނަށް ފަހިވެގެންދާނެ އެވެ. މީގެ އިތުރުން، ލޯޔަރުން، އާކިޓެކްޓުން، ސިއްޙީ ޚިދުމަތްތެރިން އަދި އެހެނިހެން ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ދިވެހިންނަށް ޗައިނާގެ މާކެޓަށް ޚިދުމަތް ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި އެއްބަސްވުމަށް އަމަލުކުރަން ފެށުމުން ދިވެހިރާއްޖެއިން ޗައިނާއަށް ބޭރުކުރާ މަހުގެ ބާވަތްތައް ސުން ޓެކުހުގައި ޗައިނާއަށް އެތެރެ ކުރެވޭނެ އެވެ. މީގެ ތެރޭގައި ފިނިކުރި ނުވަތަ ގަނޑުކުރި ކަޅުބިލަ މަހާއި ފާނައިގެ ބާވަތްތަކާއި ކަންނެލީގެ ބާވަތްތަކާއި، ދަޅުމަހާއި ވަޅޯމަހާއި ލޮނުމަހާއި ސީފުޑްގެ ބާވަތްތައް ހިމެނެ އެވެ.
މީގެއިތުރުން ދިވެހިރާއްޖޭގައި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ޗައިނާގެ މާކެޓަށް ވާސިލްވެވި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވާނެ އެވެ. އަދި ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް މަގުފަހިވެ، ދިވެހި އިންވެސްޓަރުންނަށް ޗައިނާގައި އިންވެސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި އެއްބަސްވުމަކީ ޗައިނާއިން މިހާތަނަށް ސޮއިކޮށްފައިވާ 16 ވަނަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެވެ. އަދި މިއީ ދިވެހިރާއްޖެއިން ބޭރުގެ ޤައުމަކާއެކު ސޮއިކުރި ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެވެ.
ސަރުކާރުގެ މަޢުލޫމާތު ދެއްވާލޫމާތު ދެއްވާ ގޮތުގައި މިހާރުވެސް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ދަނީ ކުރެވެމުންނެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފެށުމުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރާއްޖެ - ޗައިނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް