ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ ވޯޓާވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ސާވިސަސް (އެފްއާރްއެސް) ގެ ސިފައިން އެ ރިސޯޓަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އަލިފާން ރޯވީ ވޯޓާވިލާގެ ފުރާޅުގަ އެވެ. އަލިފާން ރޯވުމުން ރިސޯޓުގެ މުވައްޒަފުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅައި، އަލިފާން ކޮންޓްރޯލްކޮށް ނިއްވާލުމުގައި މަސައްކަތްކޮށްފަ އެވެ. އަދި އެ މަސައްކަތުން އަލިފާންގަޑު ފެތުރުނަ ނުދީ ކޮންޓްރޯލްކޮށް ނިއްވާލާފައިވެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ. ނަމަވެސް އަލިފާން ރޯވި ވޯޓަވިލާގެ ފުރާޅަށާއި ސީލިންގަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.