ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ސިޓީތަކާއި ރަށްރަށުގެ ކުނި އުކާލާ އަމިއްލަ އުޅަނދުތަކުން ނަގާ ގޭޓްފީ ކުޑަކޮށްފި އެވެ.
ވެމްކޯއިން ބުނީ، އެ ކޯޕަރޭޝަނުން ރާއްޖޭގެ ސަރަޙައްދީ ސިޓީތަކާއި ރަށްރަށުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން، ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ކުނި އުކާލާ ފަރާތްތަކުން ނަގާ ގޭޓުފީއަށް މުހިންމު ބަދަލެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން، އަމިއްލަ ފަރާތްތަކުން ގޭޓުފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ އަގު ވަނީ ކުނި އުފުލާ އުޅަނދުގެ ރަޖިސްޓަރީކުރެވިފައިވާ ބަރުދަނަށް ބަލައި، ޓަނަކަށް 212 ރުފިޔާއިން ޓަނަކަށް 106 ރުފިޔާއަށް ކުޑަކޮށްފަ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ވެސް ކުނި ބޭރުކުރުމަށް ބޮޑު މަޝްރޫޢެއް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.
ކުނި އުކާލުމަށް ވެމްކޯއިން ނަގަމުން އަންނަ އަގުތައް ކުޑަކުރުމަކީ ރައީސް ޑރ މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.