އާ އަހަރު ފެށުމުގެ މުނާސަބަތުގައި މިއަދު މާލެ ސަރަހައްދުގެ 4 ހޮސްޕިޓަލެއްގެ އޯޕީޑީ ހިދުމަތްތައް ބަންދުވާނެ ކަމަށް ހޮސްޕިޓަލްތަކުން އިއުލާނުކޮށްފި އެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިކަން ބުނެފައިވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމާއެކު، އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީގެ އިތުރުން އެހެނިހެން ކްލިނިކަލް ހިދުމަތްތައް ބަންދުވާނެ ކަމަށެވެ.
ނަމަވެސް، އައިޖީއެމްއެޗުން އިތުރަށް ހާމަކޮށްފައިވަނީ މި ހަތަރު ހޮސްޕިޓަލުގެ އިމަޖެންސީ ހިދުމަތްތައް 24 ގަޑިއިރު މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ. މިގޮތުން އިމަޖެންސީ ކޭސްތަކަށް ބޭނުންވާ ހިދުމަތްތައް މެދުކެނޑުމެއްނެތި ލިބެން ހުންނާނެއެވެ.
އޭގެއިތުރުން އަންނަ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، އެ ދުވަހު ހޮސްޕިޓަލުތަކުގެ ހުރިހާ ހިދުމަތްތަކެއް އާންމު ގޮތަށް ލިބެން ހުންނާނެ ކަމަށް ވެސް އައިޖީއެމްއެޗުން އިތުރަށް ހާމަކޮށްފައިވެއެވެ.