އިސްލާމިކް އެފެއާޒް މިނިސްޓްރީން 2025 ވަނަ އަހަރު ވަގުފް އިމާރާތަކާއި ޒަކާތު ހައުސްގެ އިތުރުން އިތުރު ގިނަ މަޝްރޫޢުތަކެއް ފަށާނެ ކަމަށް އެ މިނިސްޓްރީގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީގެ 2025 އަހަރުގެ އެކްޝަން ގެ އެކްޝަން ޕްލޭނާއި، އެކްޓިވިޓީ ކަލަންޑަރު، ރިސާލަތު ޕްރޮގްރާމް 2025، އަދި ނަމާދު މަތިވެރިކުރުމުގެ ޕްރޮގްރާމް ލޯންޗުކުރުމަށް އިއްޔެ އިސްލާމިކް މިނިސްޓްރީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ނަމާދަށް ޚާއްޞަކޮށްގެން ނަމާދުކުރުމަށް ބާރުއެޅުމަށް ޚާއްޞަ މަޝްރޫޢެއް ހިންގުމަށާއި، ގޭގެއަށް ދީނީ ޢިލްމުވެރިން ވަޑައިގަތުމުގެ ޕްރޮގްރާމްތަކެއްވެސް ހިންގާނެ ކަމަށެވެ. މި މަސައްކަތްތައް ކުރިއަށް ގެންދަނީ ރާއްޖޭގެ އިލްމުވެރިންނާއި އިސްލާމީ ޖަމްޢިއްޔާތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އިމާމުންނާއި ހުރިހާ ކައުންސިލްތަކުން ގުޅިގެން ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ. އަދި މިއަހަރު ހިންގި ”ރިސާލަތު“ ޕްރޮގްރާމް 2025 ވަނަ އަހަރު ހިންގާނީ އައު މަޢުލޫމާތުތަކާއެކު ކަމަށްވެސް އޭނާ ހާމަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ކުޑަކުދިންނާއި ޒުވާނުންގެ ހިތުގައި އިސްލާމްދީނަށް ލޯބި ޖެއްސުމާއި، ދީނުގެ އުސޫލުތަކަށް ތަބާވާ މުޖުތަމަޢެއް ބިނާކުރުން ކަމަށް ވަޒީރު ޝަހީމް ފާހަގަކުރެއްވި އެވެ. މީގެ ކުރިން ރައީސް މުޢިއްޒު ވެސް ވަނީ ފަތިސް ނަމާދަށް ހޭލާ ރާއްޖެއެއް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާއި، ނަމާދުގެ ޖަމާޢަތްތައް ގިނަވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
އޭގއިތުރުން 2025ގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރެއިން ވަގުފް ބިލްޑިންގތައް އާރާސްކުރެވި ޒަކާތު ހައުސްގެ ބިލްޑިންގ އެޅި ވަރަށް އައު ކަންތައްތަކެއްގެ ތެރެއަށް އިސްލާމީ ވުޒާރާ ވަދެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
2024 ވަނަ އަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރެއްކަމަށް ވަޒީރު ވިދާޅުވި އެވެ. މި އަހަރަކީ ތާރީޚުގައި ޒަކާތު ފަންޑަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބިގެންދިޔަ އަހަރަށްވާއިރު ގިނަ އަދަދަކަށް ޤުރްއާން ހިތުދަސްކުރި ޙާފިޒުން ނެރެވުނު އަހަރެއްކަމާއި އަދި ދިވެހިރާއްޖޭގެ ތާރީޚުގައި އިސްލާމީ ގޮތުން ފާހަގަކުރެވޭ މުހިންމު މަސައްކަތަކެއް ކުރެވުނު އަހަރެއްކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް