މާލޭގައި 2025 ވަނަ އަހަރަށް މަރުޙަބާ ކިޔުމަށް ބާއްވާ ބޮޑު ހަރަކާތް މިރޭ 8:00 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.
މި ފެސްޓިވަލް އިންތިޒާމުކޮށްފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އިސްނެގުމާއެކު، ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ އިތުރުން އަމިއްލަ ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއެކުގަ އެވެ. މި ފެސްޓިވަލް ކުރިއަށްދާނީ މިއަދާއި މާދަމާއަށް، ޖުމްލަ ދެ ދުވަހުގެ މުއްދަތަށެވެ.
މިރޭގެ ހަރަކާތްތަކުގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިއަކު ޒިޔާރަތްކުރާ ދަތުރު ދައްކުވައިދޭ ޑްރޯން ޝޯއެއް ހިމެނެ އެވެ. މީގެ އިތުރުން، ބޮޑުބެރާއި ދަފި ނެގުން ފަދަ ސަގާފީ ހަރަކާތްތައް ދައްކާލުމާއި، ތަފާތު ރަހަތައް ހިމެނޭ ކާބޯތަކެތީގެ ސްޓޯލްތައް ބެހެއްޓުން ހިމެނެއެވެ. ރޭގަނޑު 12:00 ޖަހާއިރު ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
މިރޭގެ ހަރަކާތްތައް:
- 8:00- ނިއު އިޔާ ފެސްޓިވަލް އާންމުންނަށް ހުޅުވާލުން
- 8:30- ފުޑް ފެސްޓިވަލް ފެށުުުން
- 21:00- ޑްރޯން ޝޯވް
- 21:15- ބޮޑުބެރާއެކު ދަފިނެގުން
- 00:00- ހަވާއެރުވުން
މާދަމާ ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނަށް ޚާއްޞަ ހަވީރެއް ހިމެނެ އެވެ. މީގެ އިތުރުން، ކާބޯތަކެތީގެ ސްޓޯލްތަކާއި ސަގާފީ ސްޓޯލްތައް ބެހެއްޓުމާއި، ފުލުހުންނާއި ފަޔަރ ޓްރަކް ހުށަހެޅުމެއް ބޭއްވުން ހިމެނެ އެވެ. އަދި ކްލައިމްބިންގ ވޯލް، ބައުންސް ހައުސް، ޓްރާންސްފޯމަރ ޑިސްޕްލޭ، ބޮޑުބެރު އަދި ރޮބޯމޭން ޝޯކޭސްއެއްވެސް ކުރިއަށްދާނެ އެވެ.
އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ، ”މި އާ އަހަރާ ދިމާކޮށް މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް ބޭއްވުމަކީ އެމްއެމްޕީއާރުސީއިން ފަޚުރުވެރިވާ ކަމެއް“ ކަމަށެވެ. އަދި މި ހަރަކާތުގައި ދިވެހިރާއްޖޭގެ ކާމިޔާބީތައް ފާހަގަކުރުމާއި ރާއްޖޭގެ ތަފާތު ސަގާފީ ތަރިކަ ޕްރޮމޯޓްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފެސްޓިވަލް ބޭއްވުމުގައި ގިނަ ސަރުކާރު އިދާރާތަކާއި އަމިއްލަ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އެމްއެމްޕީއާރުސީއިން ބުނެފައިވެއެވެ. މި ހަރަކާތް ކުރިއަށްދާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)