ގދ. ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލު ކުރުމަށް ހައި ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދެކޮޅަށް މި މައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު މުހައްމަދު ރާގިބު އަހުމަދު އެވެ.
21 ނޮވެމްބަރުގައި ހައިކޯޓަށް ހުށަހެޅި މިމައްސަލަ ބަލައިނުގަތުމަށް ނިންމާފައިވަނީ 30 ޑިސެމްބަރުގަ އެވެ. ހައިކޯޓުގެ ރަޖިސްޓްރާ މި މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުމުގައި ބުނެފައިވަނީ، ހުށަހެޅިފައިވާ ދުސްތޫރީ މައްސަލައިގައި ރައީސްގެ ޤަރާރަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މަސްދަރެއް ނުވަތަ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުން ބާރުލިބިގެން އެކުލަވާލާފައިވާ މަސްދަރެއްކަން ބުނެދެވިފައިނުވާ ކަމަށެވެ. އަދި ޤާނޫނާއި ހިލާފުވާކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައަކީ ފުރަތަމަ މަރުހަލާގައި ހައިކޯޓަށް ބެލުމުގެ އިހްތިސާސް ލިބިފައިވާ މައްސަލައެއް ކަމަށް ނުބެލެވޭ ކަމަށެވެ.
އެހެންކަމުން މި މައްސަލަ ހައިކޯޓަށް ބަލައިގަނެވެން ނެތްކަމަށް ނިންމާފައިވެ އެވެ.
ވަކީލް ރަގީބް ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ސިޓީއެއްގެ ދަރަޖަ ކަނޑައެޅުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުތުތައް ތިނަދޫގައި ފުރިހަމަވެފައިވާ ކަމަށް ކަނޑައަޅައި، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ކަމަށް ރައީސްގެ ޤަރާރުން ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކުރާ ހަމަތަކާއި ހިލާފަށް ކަމަށެވެ. އެހެންކަމުން މިކަމުގައިމިހާތަނަށް ނިންމާފައިވާ ނިންމުންތައް ބާތިލުކަމަށް ކަނޑައަޅައި ދިނުމަށް މައްސަލައިގައި އެދިފައިވެ އެވެ.