އާ އަހަރާއި ދިމާކޮށް ސަރުކާރުން ޖެނުއަރީ 2 ވަނަ ދުވަސް ބަންދު ކުރި ނަމަވެސް ޕާސްޕޯޓުގެ ހިދުމަތް އެދުވަހު ލިބޭނެކަމަށް އިމިގްރޭޝަންއިން ބުނެފި އެވެ.
އިމިގްރޭޝަނުން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު އިއުލާނެއްގަ އެވެ.
އިމިގްރޭޝަންގެ އިއުލާނުގައި ބުނެފައިވަނީ ޖެނުއަރީ 2 ވަނަ ދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް އުމުރުން 65 އަހަރުން މަތީގެ މީހުންނާއި އިމަޖެންސީ ހާލަތްތަކުގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވެގެންނާއި އޮންލައިންކޮށް ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި ހަމަ މި ގަޑީގައި ޕާސްޕޯޓު ދޫކުރުމަށް ނަންބަރު ދޫކުރާނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން، ”އިމުގާ“ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ. އަދި މެޑިކަލް އިމަޖެންސީގެ ހާލަތްތަކުގައި 9555333 ނަންބަރަށް ގުޅުމަށްވެސް އިމިގްރޭޝަނުން އިރުޝާދު ދީފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އާ އަހަރާ ގުޅިގެން ޖެނުއަރީ 2 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފަ އެވެ. ނަމަވެސް، އިމިގްރޭޝަނުން މި ނިންމުމަކީ ރައްޔިތުންނަށް މުހިންމު މި ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ.