މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނު ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށް ހުރި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. މި ސަމާލުގެ ވަގުތަކީ މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 14:00 އާ ހަމައަށެވެ.
އިދާރާއިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އިދާރާއިން ބުނެފައިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު އެ އިދާރާގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލިބެން ހުންނާނެ ކަމަށެވެ.