މާލެ ސިޓީ ކައުންސިލުން ހުޅުމާލޭ ސަހަރާ ބޮޑުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތުގެ ތެރެއިން ސަހަރާގެ ދެކުނަށް އޮތް ބިން ވިނަ ނޮޅާ ސާފުކުރަން ފަށާފައިވާ ކަމަށް ސިޓީ ކައުންސިލުން އިއްޔެ ހެނދުނު އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވެ އެވެ.
މިކަމާއި ގުޅޭގޮތުން ޖަވިޔަނި ނޫހަށް މަޢުލޫމާތު ދެއްވަމުން، މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރ އާމިނަތު ޝަތުފާ ވިދާޅުވީ، މި ބިމަކީ ކުރިން ވެސް ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް ބިމެއް ކަމަށެވެ. އަދި ސަހަރާ ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާރު ބޭނުންކުރަމުންދާ ސަހަރާގެ ބިން އަދި ނުފުރޭ ކަމަށްވެސް އޭނާ މަޢުލޫމާތު ދެއްވި އެވެ.
މީގެ އިތުރުން، ސިޓީ ކައުންސިލުން ދަނީ މާފަންނު ސަހަރާގެ ހުރިހާ މަހާނަ ގާތަކާއި މިނި ކަށިތައް ނަގައި، އެ ބިން އެއްކޮށް ހުސްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މާފަންނު ސަހަރާ ހުސްކުރަނީ އެތަނުގައި ސަރުކާރުން ޕާކިން ބިލްޑިންއެއް އެޅުމަށް ރޭވިފައިވާތީ ކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ.
އޭގެއިތުރުން ގަލޮޅު ސަހަރާގެ ބައެއް މަހާނަތައްވެސް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މަޢުލޫމާތު ލިބެ އެވެ. ގަލޮޅު ސަހަރާއަކީ ދައުލަތުގެ އިއްޒަތްތެރިން ވަޅުލުމަށް ބޭނުންކުރާ ސަހަރާއެއް ކަން ފާހަގަކޮށްލެވެ އެވެ.