ހުޅުމާލޭގައި އިއްޔެ އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
މި މަޢުލޫމާތު ހާމަކޮށްފައިވަނީ މިއަދު އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި މި އޮޕަރޭޝަނަކީ އިމިގްރޭޝަން ވޮޗަށް ލިބިފައިވާ މަޢުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 ގައި ހިންގަމުންދާ 8 ކެފޭ އަދި ހޮޓާ ބަލައި ފާސްކޮށްފައިވެ އެވެ. މި ބަލައި ފާސްކުރުމުގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 4 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވުނެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ޚާއްޞަ އޮޕަރޭޝަނެއް ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިމިގްރޭޝަނުން ވަނީ ގިނަ ރެއިޑްތަކެއް ޖަހައި، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ގިނަ ބިދޭސީންތަކެއް ހައްޔަރުކޮށްފަ އެވެ.
އިމިގްރޭޝަނުން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބަލާއިރު، މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 5،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ފުރުވާލާފައެވެ.