ތައިލެންޑްގެ މުއާން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޖޫ އެއާގެ ފްލައިޓެއް ވެއްޓި، 179 އަށްވުރެ ގިނަ މީހުން މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކޮރެއާގެ ވަގުތީ ރައީސް ޗޮއި ސަންގ-މޮކްއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.
މި ހާދިސާ ހިނގީ ބެންކޮކްގެ ސުވަރުނަބޫމީ އެއާޕޯޓުން މުއާން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަމުން އައި ފްލައިޓް 2216 ޖައްސަން އުޅުމުގެ ތެރޭގަ އެވެ. ރިޕޯޓުތަކުން ދައްކާ ގޮތުގައި، މި ހާދިސާ ހިނގީ ފްލައިޓް ޖައްސަން އުޅެނިކޮށް ލޭންޑިންގ ގިއަރުގައި މައްސަލައެއް ދިމާވެ، މަތިންދާބޯޓުގެ ކޮންޓްރޯލް ގެއްލުމުގެ ސަބަބުންނެވެ. ފްލައިޓް ރަންވޭއިން ބޭރުވެ، އެއާޕޯޓްގެ ޕެރިމީޓަރ ފެންސާ ޖެހުމާއެކު އަލިފާން ރޯވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހާދިސާގެ ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާ އެކުގައި ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށާއި، ކޮރެއާ ސަރުކާރަށާއި، ރައްޔިތުންނަށް، ޚާއްޞަގޮތެއްގައި މި ހާދިސާގެ ސަބަބުން އަސަރުކުރި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެ އެވެ.
މި ހާދިސާ ހިނގިއިރު ފްލައިޓުގައި ތިބީ 181 މީހުންނެވެ. ކުއްލި ހާލަތުގެ ޓީމުތައް ވަގުތުން އެ ސަރަހައްދަށް ދިޔަ ނަމަވެސް، އަލިފާނުގެ އަސަރު ކޮށްފައިވާ މިންވަރު ބޮޑުކަމުން ފުރަތަމަ ވަގުތުކޮޅު ތެރޭގައި 28 މީހުން މަރުވި އެވެ. އެންމެ ފަހުން ލިބިފައިވާ މަޢުލޫމާތުގައިވާ ގޮތުން މަރުވި މީހުންގެ އަދަދު ވަނީ 179 އަށް އަރާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖު ނިންމަވާލައްވާފައި ވަނީ މި ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުން ކާމިޔާން ކާމިޔާބު ލިބުމަށް އެދިވަޑައިގެން، އެކަމުން އަރައިގަތުމުގެ ހިއްވަރާއި ސާބިތުކަމަށް އެދިވަޑައިގަންނަވަމުންނެވެ.