ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް އަލަށް އިތުރުކުރެވޭ ބޯޓު ދައްކާލުމަށް އެއާ ޝޯވްއެއް ބޭއްވުމަށް ނިންމައިފި އެވެ.
މި އެއާ ޝޯ ބާއްވަނީ މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެންނަ އެއާބަސް އޭ330 މަރުކާގެ ބޮޑު މަތިންދާ ބޯޓަށް މަރުހަބާ ކިއުމުގެ ގޮތުންނެވެ.
މޯލްޑިވިއަން އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި އެއާ ޝޯ ކުރިއަށްދާނީ އަންނަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ ހަވީރު 17:00 ގައެވެ. އެއާ ޝޯ ބާއްވާ ސަރަހައްދުތަކުގެ ތެރޭގައި މާލެ އުސްފަސްގަނޑު ސަރަހައްދާއި، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް 2ގެ އިރުމަތީ ފަރާތު ބީޗު ސަރަހައްދު ހިމެނެއެވެ. މި ހަރަކާތް ކުރިއަށްދާނީ 30 މިނެޓުގެ މުއްދަތަށެވެ.
އެއާބަސް އޭ330 މަރުކާގެ މި ބޯޓު ބޭނުންކުރާނީ މޯލްޑިވިއަން އިން ކުރާ ބައިނަލްއަގްވާމީ ދަތުރުތަކުގައެވެ. މި މަރުކާގެ ބޯޓުތަކުގައި 247 އާއި 277 އާ ދެމެދުގެ މިންވަރަކަށް މީހުން އުފުލުމުގެ ގާބިލްކަން ލިބިފައިވެއެވެ.
މޯލްޑިވިއަން އިން ވަނީ މި އެއާ ޝޯ ބަލާލުމަށް އެންމެނަށްވެސް ހުޅުވާލައި ދައުވަތު އަރުވާފައެވެ.