މާލޭގެ މަގުމަތިން ރޭ މީހަކު ހައްޔަރުކުރާ މަންޒަރުގެ ފޮޓޯ ނެގި ނޫސްވެރިއެއްގެ ފޯނުން ފުލުހުން އެ ފޮޓޯ ޑިލީޓް ކުރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މި މައްސަލައިގައި ”އަސްލު ޓީވީ“ ގެ ނޫސްވެރިޔާ ޝާމާ ޝުއައިބު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ރޭ 8:26 ހާއިރު މާލޭގެ މަގުމަތީގައި މީހަކު ހައްޔަރު ކޮށްގެން އުޅޭތީ އެ ތަނުގެ ފޮޓޯ ނަގަން ދިޔައީ ޕްރެސް ކާޑު ވެސް ހިފައިގެންނެވެ.
”އެންމެ ފަހުން ހައްޔަރުކުރާ ހިސާބަށް ދިޔައީމާ މި ޖެހުނީ ޑިލީޓް ކުރަން. މިއީ ކޮން އުސޫލެއް، ކޮން ހަމައެއް ކަމެއް ބުނެ ނުދެވުނު އެ އޮފިސަރަކަށް،“
މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ކުށުގެ ވެށީގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު އެ ތަނެއްގައި ފުލުހުން ކުރަމުންދާ މަސައްކަތަކީ އެ ހާލަތުގައި ހުރިހާ އެންމެން ވެސް އެންމެ އިސްކަންދޭން ވާނެ ކަންތައް ކަމަށެވެ. ނަމަވެސް، ނޫސްވެރިންނަށް ކަނޑައެޅޭ ހިސާބެއްގައި ތިބެ މަންޒަރާއި މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސް ދެވެން އޮތް އެންމެ ފުޅާ ފުރުސަތެއް ފުލުހުން ވެސް ދޭން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިފާން އިތުރަށް ވިދާޅުވީ، މި މައްސަލަ އިތުރަށް ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑާ ހިއްސާ ކުރައްވާނެ ކަމަށެވެ.