އިޒްރޭލް ސިފައިން ގައްޒާގެ ހޮސްޕިޓަލެއް އަންދާލުމުން ރާއްޖޭގެ ސަރުކާރުން އެކަން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓަރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގެ އުތުރުގައި އޮންނަ ކަމާލް އަދުވާން ހޮސްޕިޓަލް އިސްރާއީލު ސިފައިން އަންދާލައި، ބަލިމީހުންނާއި މެޑިކަލް ސްޓާފުން އެތަނުން ބޭރަށް ނުކުތުމަށް މަޖުބޫރުކުރި މައްސަލަ ރާއްޖޭގެ ސަރުކާރުން ކުށްވެރި ކުރާ ކަމަށެވެ.
މި އަމަލަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނާ ހިލާފަށް ހިންގާފައިވާ އަމަލެއްކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ފޮރިން މިނިސްޓްރީން ވަނީ ސިއްހީ ހިދުމަތްދޭ މިފަދަ ތަންތަނަށް ދޭ ހަމަލާ ތަކަކީ ހަނގުރާމައިގެ ޖަރީމާއެއްކަމަށާއި މިއީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމުގެ ބައެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
މީގެ އިތުރުން ގައްޒާގައި އިޒްރޭލް ސިފައިން ހިންގާ އަނިޔާވެރިކަން ހުއްޓުވައި، ފަލަސްތީނު ރައްޔިތުން ހިމާޔަތްކޮށް، މި ޖަރީމާތައް ހިންގާ މީހުން ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ސަރުކާރުން ވަނީ ގޮވާލާފަ އެވެ.
ރާއްޖެ - ފަލަސްތީން އިޒްރޭލް ފަލަސްތީން ގައްޒާ ގައްޒާ ހަނގުރާމަ