ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ ވަޑައިގެންނެވި ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ނިޔާވެއްޖެކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
ޖަޕާނުގެ ނޫހެއްގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ނިޔާވެފައިވަނީ ޓޮޝިޔުކީ އަޑަޗީ (70އ) އެވެ.
އަޑަޗީއަކީ ވެރިކަން ކުރާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރެއްކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
ފުލުހުން ވަނީ ޅ. އަތޮޅުގައި ހިންގާ ރިޒޯޓެއްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ޖަޕާނުގެ 70 އަހަރުގެ ފިރިހެން ފަތުރުވެރިޔަކު މަރުވެފައި އޮއްވަ ފެނިވާ މައްސަލައެއް އެ ހިދުމަތަށް ރިޕޯޓުކޮށްފައިވާކަމަށް ބުނެފަ އެވެ.
ފުލުހުން ބުނީ އެ ފަތުރުވެރިޔާ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވާ މައްސަލަ ޑިސެމްބަރު 27، 2024 ގެ 08:33 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.