އިސްރާއީލުގެ ޤައުމީ ސަލާމަތާބެހޭ ވަޒީރު އަލް-އަޤްޞާ މިސްކިތަށް ވަނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި މިނިސްޓްރީން ބުނެފައިވަނީ މިއީ އިސްލާމީ މުޤައްދަސް ބިނާތަކުގެ ޙުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ޙައިޘިއްޔަތު ބަދަލުކުރުމަށް އިސްރާއީލުން ތަކުރާރުކޮށް ކުރަމުންދާ އަމަލެއް ކަމަށެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއްކަމާއި، ފަލަސްޠީނުގެ ރައްޔިތުންނާއި ދުނިޔޭގެ 2 ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ޢަމަލެއް ކަމުގައެވެ.
މި ބަޔާނުގައި، މިފަދަ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކަށް އިޙްތިރާމުކުރުން ކަށަވަރުކުރުމަށް ހަރުދަނާ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލާފައިވެއެވެ. އަދި މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ޞުލްޙަވެރި ޙައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، އެއީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރެވުމުންކަމުގައި ދިވެހި ސަރުކާރުން ދެކޭކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.


