އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ. މި މެސެޖުގައި ރައީސް މުޢިއްޒު، ޑރ. ސިންގްގެ އަގުހުރި ޚިދުމަތްތަކާއި ދެކުނު އޭޝިއާގެ ތަރައްޤީއަށް އެމަނިކުފާނު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާފައިވެ އެވެ.
ރައީސް މުޢިއްޒުގެ ރަސްމީ ”އެކްސް“ އެކައުންޓުން ހިއްސާކުރެއްވި މެސެޖުގައި، 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޑރ. ސިންގް ރާއްޖެއަށް ކުރެއްވި ތާރީޚީ ޒިޔާރަތުގެ ހަނދާން އާކުރައްވާފައިވެ އެވެ. އަދި މި ޒިޔާރަތަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމުގެ މުހިންމު ނިޝާނަކަށް ވެގެންދިޔަކަން ފާހަގަކުރައްވާފައިވެ އެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒު ވަނީ ތަމައްދުނު ހާސިލްކުރެއްވުމުގައި ޑރ. ސިންގް ދެއްކެވި ސާބިތުކަމާއި، ދެކުނު އޭޝިއާގައި އެއްބާރުލުމާއި ތަރައްޤީ ފަހިކުރުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ ފައެވެ. ޚާއްޞަކޮށް ”ލުކް އީސްޓް ޕޮލިސީ“ ހަރުދަނާކުރެއްވުމުގައި ޑރ. ސިންގް އަދާކުރެއްވި އިސް ދައުރު ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، މި ހިތާމަވެރި ދަނޑިވަޅުގައި ޑރ. ސިންގްގެ ޢާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވަމުންނެވެ.
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ މަންމޯހަން ސިންގް ފާހަގަކުރެވިފައިވަނީ ރާއްޖެއާ ގާތްގުޅުންތަކެއް ބޭއްވެވި ވެރިއެއްގެ ގޮތުގަ އެވެ.
ޑރ ސިންގް އަވަހާރަވީ ނިއު ދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އޭނާ ހޮސްޕިޓަލަށް އެޑްމިޓް ކުރެވުނީ ބުރާސްފަތި ދުވަހުގެ ރޭގެ ފަހު ވަގުތެއްގަ އެވެ.
ޑރ ސިންގް އަކީ އިންޑިއާގެ ބޮޑުވަޒީރުކަން ދެ ދައުރު (2004-2014) ކުރެއްވި ބޭފުޅެކެވެ. އޭނާގެ ވެރިކަމުގައި އިންޑިއާގެ އިޤްތިޞާދު ބޮޑުތަނުން ކުރިއަރައި، ބައިނަލްއަޤްވާމީ މައިދާނުގައި އިންޑިއާގެ ނުފޫޒު އިތުރުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ އިންޑިއާ