ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައިގެންފި އެވެ.
އެމްއެންޑީއެފް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ގާނޫނާ ހިލާފަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގަނެވިފައިވާ ކަމަށެވެ.
ބޯޓު އަތުލައިގަތީ އެމްއެންޑީއެފްގެ އެއާ ކޯ ޑްރޯންގެ އެހީގައި ބޯޓު އޮތް ތަނެއް ދެނެގަތުމަށްފަހު ކަމަށްވެސް އެމްއެންޑީއެފް އިންވަނީ ބުނެފަ އެވެ.
އަދި އަތުލައިގަނެފައިވާ ބޯޓާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެމްއެންޑީއެފް އިން ހާމަކޮށްފައެއްނުވެ އެވެ.
މީގެ ކުރިންވެސް އެމްއެންޑީއެފް އިންވަނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންގެންދިޔަ ބޯޓެއް އަތުލައިގެންފަ އެވެ.