ދިވެހިންނަކީ ދިމާވާ ކޮންމެ ހާލަތެއްގައި އެއް އާއިލާއެއްގެ ބަދަހިކަން ދައްކާ ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ ދިވެހިންނަކީ ގައުމަށް ދިމާވާ ކޮންމެ މުހިންމު ހާލަތެއްގައި އެއް އާއިލާއެއްގެ ބަދަހިކަން ދައްކާ އުހުއްވަތްތެރި، އެކުވެރި، އޯގާތެރި ހެޔޮލަފާ ރައްޔިތުންތަކެއް ކަމަށެވެ.
އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ސުކޫތުގައި ރައީސް މުއިއްޒު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. މި ސުކޫތު ބާއްވާފައިވަނީ ހެނދުނު 9:23 ގަ އެވެ. މިއީ މީގެ 20 އަހަރު ކުރިން ރާއްޖެއަށް ސުނާމީ އެރިކަމަށް ރިކޯޑު ކުރެވުނު ވަގުތެވެ.
2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ދިމާވި ސުނާމީ ކާރިސާއަށް މިއަދު 20 އަހަރު ފުރިގެންދާއިރު، މި ހިތާމަވެރި ހާދިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީގެ އަސަރު ކޮށްފައިވެއެވެ. މި ކާރިސާގައި 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލި، 15,000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
ސުނާމީ ކާރިސާގައި ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި ވިލުންތެރިކަން ފާހަގަކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ވަނީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އެކި ހަރަކާތްތައް ބޭއްވެމުންދެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެއްބައިވަންތަކަމުގެ ދުވަސް