މާލެ ސިޓީ ކައުންސިލަށް ފުރަތަމަ ފަހަރަށް އިންޓާނަލް އޮޑިޓަރެއް އައްޔަންކޮށްފި އެވެ.
މިކަން ހާމަކޮށްފައި ވަނީ، މާލޭގެ މޭޔަރު, އާދަމް އާޒިމް ރޭ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި މޭޔަރ ވިދާޅުވެފައި ވަނީ، އިންޓާނަލް އޮޑިޓަރުން އައްޔަންކުރުމަކީ މާލެ ސިޓީ ކައުންސިލުން ކުރާ ކަންކަމުގައި ފުރިހަމައަށް ޖަވާބުދާރީވުމަށާއި، އާންމުންގެ އިތުބާރު ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މިކަމާއި ގުޅިގެން ސިޓީ ކައުންސިލުން ބުނެފައި ވަނީ، އެ ކައުންސިލްގެ އިންޓާނަލް އޮޑިޓެއް ކުރަން ހަވާލުކޮށްފައި ވަނީ ”ކުރޯ މޯލްޑިވްސް އެލްއެލްޕީ“ ނަމަކަށް ކިޔާ ކުންފުންޏަކަށް ޖީއެސްޓީ އާއެކު ޖުމްލަ 466,560 ރުފިޔާއަށް ކަމަށެވެ.
އެ ކުންފުންޏަށް މަސައްކަތް ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށް، މިއަދުން ފެށިގެން 2026 ވަނަ އަހަރު ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެސް ސިޓީ ކައުންސިލުން ބުނެ އެވެ.
މޭޔަރ އިތުރަށް ވިދާޅުވެފައި ވަނީ، ސިޓީ ކައުންސިލުގެ އަމާޒަކީ ކުރާ ހުރިހާ ކަމެއްގައި ވެސް ނަޒާހަތްތެރިކަން ކަށަވަރު ކުރުން ކަމަށެވެ. އަދި އެޅުނު މި ބިންގަލާ އެކު މާލެ ސިޓީގެ މުސްތަގުބަލު ބައްޓަންވެގެންދާނީ ދެފުށްފެންނަ ގޮތަށް, މަސައްކަތްކުރާ މުއައްސަސާއެއް ގޮތުގައި ކަމަށެވެ.
އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މޭޔަރ މާލެ ސިޓީ ކައުންސިލް