ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ނިޔާވި އަދި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ސުކޫތެއް ގެނެސްފި އެވެ.
މި ސުކޫތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
ސުނާމީގެ ރާޅު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23 ގައި ގެނައި މި ހަމަހިމޭންކަމުގެ ވަގުތުކޮޅުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ ރައީސް އޮފީހުގެ ދެކުނުން، ކުރީގެ ހުރަވީ ބިލްޑިންގ ހުރި ސަރަހައްދަށެވެ. މި ސުކޫތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންނާއި، ވަޒީރުންނާއި، ރައީސް އޮފީހުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މާލެ ސަރަހައްދުގެ އޮފީސްތަކުގެ މުވައްޒަފުންވެސް އޮފީސްތަކުން ބޭރަށް ނުކުމެވަޑައިގެން މި ސުކޫތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ދިމާވި ސުނާމީ ކާރިސާއަށް މިއަދު 20 އަހަރު ފުރިގެންދާއިރު، މި ހިތާމަވެރި ހާދިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީގެ އަސަރު ކޮށްފައިވެއެވެ. މި ކާރިސާގައި 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލި، 15,000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
ސުނާމީ ކާރިސާގައި ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި ވިލުންތެރިކަން ފާހަގަކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ވަނީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އެކި ހަރަކާތްތައް ބޭއްވެމުންދެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެއްބައިވަންތަކަމުގެ ދުވަސް