އަންނަ އަހަރު އިހަވަންދޫގެ ތަރަށްގީ އަށް ވަރަށް ގިނަ ކަންކަން ރޭވިފައި ހުރި ކަމަށް ހއ. އިހަވަންދޫގެ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހު ވިދާޅުވެއްޖެ އެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް ސޮބާހު ޖަވިޔަނި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަންނަ އަހަރު އެކި ދާއިރާތަކުން އެރަށުގައި މުހިއްމު ކަންތައްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.
އެގޮތުން ދީނީ ކަންތައްތަކަށް ހޭލުންތެރި ކުރުމުގެ ގޮތުން އިސްލާމިކް ލައިބްރަރީއެއްގެ ހިދުމަތް ފެށުމަށް އަދި ”ރަސްތަރި ގުރުއާން މުބާރާތް“ގެ ނަމުގައި ގުރުއާން މުބާރާތެއް ބޭއްވުން ހިމެނޭ ކަމަށް އޭނާ މައުލޫމާތު ދެއްވާފައިވެ އެވެ. ހަމައެހެންމެ ތައުލީމީ ގޮތުން ބޭބީނާސަރީ، ޕްރީސްކޫލް ޚިދުމަތް ދޭންފެށުމާއި، ޕަބްލިކް ލައިބްރަރީއެއް ގާއިމުކުރުން އަދި ވޮކޭޝަނަލް ސެންޓަރެއް ގާއިމުކުރުން ވެސް ހިމެނެއެވެ.
ސިއްހީ ކަންކަމާ އިޖްތިމާއީ ކަންކަމަށް ބަލާއިރު ކުލިނިކުތަކާއި މެޑިކަލް ސެންޓަރުތައް ހެދުމަށް ބިން ކުއްޔަށް ދޫކުރުން ހިމެނޭ ކަމަށް ސޮބާހު މައުލޫމާތު ދެއްވި އެވެ. އަދި ހަމަ އެހެންމެ ރަށުތެރޭގައި ކުދި ޕާކްތައް ހެދުމަށްވެސް ރޭވިފައިވާކަން ފާހަގަކުރެއްވި އެވެ.
ސޮބާހު ވިދާޅުވީ އެރަށުގެ ރަސްމީ ފާލަން ވެސް އަންނަ އަހަރު ހަދަންފަށާނޭ ކަމަށާއި ވެށީގެ ނުސާފުކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރަށުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމްކުރުން ވެސް ޕްލޭންގައި ހިމެނޭ ކަމަށެވެ. ކުޅިވަރުގެ ދާއިރާއިން އިހަވަންދޫގައި ކުރުމަށް ރޭވިފައިވާ ކަންކަމުގެ މައުލޫމާތު ދެއްވަމުން ސޮބާހު ވިދާޅުވީ، ކައުންސިލުން އިސްނަގައިގެން ބާއްވާ ފުޓްބޯޅަ މުބާރާތަކާއި، ފުޓްސަލް ދަނޑު ޓާފު އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނޭ ކަމަށެވެ. އަދި އިންޓަ އޮފީސް ސްޕޯޓްސް ފެސިޓިވަލް ބޭއްވުން ވެސް ހިމެނެއެވެ.
އިހަވަންދޫގައި ވިޔާފީރީގެ ދާއިރާއިން އަންނަ އަހަރު ކުރުމަށް ރާވާފައިވާ ކަންކަމަކީ ކައުންސިލް އިދާރާ ސޯލާކުރުން އަދި ރޯހައުސް ޕްރޮޖެކްޓެއް ހިނގުމަށް މަސައްކަތް ކުރުން ކަމަށް ސޮބާހު ވިދާޅުވި އެވެ.
އިހަވަންދޫ އަކީ ގާތްގަނޑަކަށް 3،700 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެރަށުގައި އާންމުކޮށް މީހުން މަސްވެރިކަމާއި، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާކަން ފާހަގަ ކޮށްލެވެ އެވެ.